މިދިއަ ޖުލައި މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިއަދު ގެއަށް ބަދަލުކޮށްފި އެވެ.
ކަރެކްޝަނަަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ފާރިސް ގޭ ބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި އޭނާ ހުންނެވި ޖަލު މަރާމާތުކުރާތީ ކަމަށެވެ. ނަމަވެސް ގޭބަންދަށް ބަދަލުކުރީ ކޮން މުއްދަތަކަށް ކަމެއް ކަރެކްޝަނަކުން ނުބުނެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފާރިސް ގޭ ބަންދަށް ބަދަލުކުރަން އުޅޭކަން އޭނާގެ ވަކީލުންނަށް ވެސް އަންގާފައެއް ނުވެ އެވެ. ވަކީލުންނަށް އެނގިވަޑައިގަތީ ފާރިސްއާ ބައްދަލުކުރައްވަން މާފުއްޓަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް ކަމަށް، އެއް ވަކީލަކު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަދި އެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި ފަހުން ފާރިސް ހުންނެވީ މާފުށީގަ އެވެ. އެކަމަކު އިއްޔެ ކުއްލިއަކަށް އޭނާ ވަނީ ޑޮކްޓަރަށް ދައްކަން މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
ފާރިސްގެ އާއިލާގެ ބޭފުޅަކު އިއްޔެ ވިދާޅުވި ގޮތުގައި ފާރިސް ބަލިވެ އުޅޭކަން އާއިލާއަށް އަންގާފައެއް ނުވެ އެވެ. އަދި އައިޖީއެމްއެޗަށް ގެނައިކަން ވެސް އެނގިވަޑައިގަތީ މާލެ ގެނައި ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި އާއިލާގެ ބައެއް ބޭފުޅުން ފާރިސްއާ ބައްދަލުކުރެއްވި އެވެ.
ފާރިސްގެ މައްޗަށް ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. ރިޝްވަތުގެ ދައުވާގެ އިތުރުން އޭނާގެ މައްޗަށް ކުރަނީ ޝަހުސް އޮޅުވާލުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ ޕީޕީއެމް އިން ވަކިކުރި ފަހުން ވެސް ޕީޕީއެމްގެ ބައެއް އެއްޗެހ ބޭނުންކުރެއްވިކަމަށް ބުނެ އެވެ.
ފާރިސް ޖަލުގައި ބަންދުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ބޮޑުބޭބޭފުޅު އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މި ފަަހުން އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ހަރަކާތްތަކުގައި ފާރިސް އަކީ އެންމެ އިސް އެއް ލީޑަރެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން ފާރިސްއަށް ނުހައްގު އަދަބު ދެމުން ދަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް 45 މެމްބަރުންގެ ސޮއި ލިބުމާ އެކު އެވެ. އެއީ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ވެއްޓުމެއް ކަމަށާއި އެކަން ސަރުކާރަށާއި ސަރުކާރަށް ތާއީދުކުރާ މީހުންނަށް ހަޖަމްނުވަނީ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.