އިތުރު އެލަވަންސް ލިބޭ ގޮތަށް އެސްޓީއޯ އިން މުސާރައިގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިއަދު ބުނީ އެސްޓީއޯގެ ހިންގުން ހަރުދަނާކޮށް ވިޔަފާރި ސްޓްރީމްލައިން ކުރުމަށްޓަކައި ގެންނަ ބަދަލުތަކުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އިސްލާހުކުރަން ނިންމާފައިވާ ކަމަށެވެ.
"މިހާރު އެސްޓީއޯގެ މުސާރައިގެ އޮނިގަނޑު ބައްޓަން ވެފައި ވަނީ ސިވިލް ސާވިސް އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތައް ފަދަ އާާންމުންނަށް ހިދުމަތް ދިނުމަށް އުފެދިފައިވާ އޮފީސްތަކުގެ ސްޓަރަކްޗާއާ އެެއްގޮތަށް. އެހެންނަމަވެސް އެސްޓީއޯ ރީސްޓްރަކްޗާ ކުރުމުގެ ދަށުން، މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ނިންމައި އެސްޓީއޯގެ މުސާރައިގެ އޮނިގަނޑަކީ މިޒަމާނުގެ ވިޔަފާރި ކުންފުނިތަކުގައި ބޭނުންކުރާ ފަދަ އިންސެންޓިވް ބޭސްޑް ސްޓަރަކްޗާ އަކަށް ވެގެންދާނެ،" އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާ ގުޅިގެން ސޭލްސް ކޮމިޝަން އަދި ކަނޑައަޅާ ވަކި އަމާޒުތަކެއް ހާސިލްކުރުމުން ލިބޭ އެލަވަންސް އާއި އެހެނިހެން އެލަވަންސް ތައާރަފްކޮށް މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.
"މިކުންފުނިން ގަބޫލު ކުރަނީ މިކަމުގެ ސަބަބުން މުއައްޒަފުންނަށް ލިބެމުންދާ މުސާރަ އިތުރުވެ ކުންފުނިން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި ކުންފުނީގެ ހިންގުން ހަރުދަނާވެގެން ދާނެ ކަމަށް،" އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނައިރު އެ ކުންފުނިން ވަނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އެލަވަންސްތައް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުޑަކުރަން ނިންމައިފަ އެވެ.
ގާތްގަނޑަކަށް 1،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިން ވަނީ އެލަވަންސްތައް ކަނޑާލުމުގެ އިތުރުން މަސައްކަތުގެ ގަޑި ވެސް ކުޑަކޮށްފަ އެވެ. އެގޮތުން ރަސްމީ ގަޑިއަކީ ހެނދުނު 8:00ން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.