އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު ފޯނު ކަމަށްވާ އައިފޯން 8 ގެ މޮޑެލްތަކަށް ވުރެ އަދިވެސް ވިޔަފާރި ރަނގަޅީ އޭގެ ކުރިން ނެރުނު އައިފޯން 7 ގެ ކަމަށް، މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ ތަފާސް ހިސާބާ ހަވާލާދީ ކީބޭންކް ކެޕިޓަލް އިން ބުނެފި އެވެ.

ބްރޯކަރެއް ކަމަށްވާ ކީބޭންކް ކެޕިޓަލް އިން ބުނީ އެންމެ ފަހުގެ ފޯނަށް ބަދަލުވާން ބޭނުންވެގެން ތިބި ކަސްޓަމަރުން ގިނަ ނަމަވެސް އައިފޯން 8 ގެ ވިޔަފާރި، ކުރީގެ އައިފޯނުތަކުގެ ވިޔަފާރިއާ އަޅާބަލާއިރު ދަށް ކަމަށެވެ.

އެމެރިކާގެ ކެރިއާ ކުންފުންޏެއް ކަމަށްވާ އޭޓީ އެންޑް ޓީ އިން ބުނި ގޮތުގައި މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޕޯސްޓްޕެއިޑް ހޭންޑްސެޓް އަޕްގްރޭޑްކުރި މީހުންގެ އަދަދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 900،000 މަދު ކަމަށެވެ. ދިރާސާކުރާ މީހުން ބުނަނީ މި އަދަދު މަދުވެފައި ވަނީ އައިފޯން 8 އަށް އޮތް ޑިމާންޑް ދަށްވުމުން ކަމަށެވެ.

"މީހުން ދިން ޖަވާބުތަކަށް ބަލާއިރު ފާހަގަވީ ގިނަ އަދަދެއްގެ ބަޔަކު އައިފޯން 8 ގެ ބަދަލުގައި އައިފޯން 7 ގަންނަކަން. އެ މީހުން ބުނަނީ ފަހުގެ ފޯނުގެ ބަދަލުގައި ކުރީގެ ފޯނު ގަންނަނީ ފީޗާތަކަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވާތީ ކަމަށް،" ކީބޭންކް އެނަލިސްޓް ޖޯން ވީހް ބުނެފައިވެ އެވެ.

މިދިޔަ މަހު އައިފޯން 8 އަދި 8 ޕްލަސް ބާޒާރަށް ނެރެފައި ވާއިރު ބައްޓަމުގައި ތަފާތެއް ނެތެވެ. އެކަމަކު އައިފޯން 8 ގެ ފުރަގަހުގައި ލާފައި ވަނީ ބިއްލޫރި އެވެ. އަދި ވަޔަލެސް ޗާޖިން ވެސް ހިމަނާފައިވެ އެވެ. މިއީ އެންމެ ބޮޑަށް ފާހަގަވާ ބަދަލު ކަމަށް ވާއިރު އައިފޯން 7 ގެ އަގު އެމެރިކާގައި ފެށެނީ 549 ޑޮލަރުންނެވެ. އައިފޯން 8 ގެ އަގު ފެށެނީ 699 ޑޮލަރުންނެވެ.

އައިފޯން އެކްސް ނުވަތަ 10 ވެސް ބާޒާރަށް ނެރެން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ފޯނު ބާޒާރަށް ނެރޭނީ ނޮވެމްބަރު މަހު އެވެ. މި ފޯނުގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. މިއީ އެޕަލްގެ އެންމެ އަގު ބޮޑު ފޯނެވެ.