އެޕަލް އިން އަލަށް ބާޒާރަށް ނެރުނު ފޯނުތަކުގެ ތެރޭގައި ހިމެނޭ އައިފޯން 8 ޕްލަސްގެ ސްކްރީނާ ދިމާލުން ފުފި، ފޯނު ދެ ފަޅިވާ މައްސަލައެއް ރިޕޯޓްކުރުމާ އެކު އެޕަލް އިން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފި އެވެ.

މި މައްސަލަ ދެ ކަސްޓަމަރަކު ރިޕޯޓްކޮށްފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ޓައިވާން މީހަކު ފޮޓޯތަކާ އެކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާ ގަތް 64 ޖީބީގެ އައިފޯން 8 ޕްލަސް ޗާޖުކުރަން ފެށިތާ ތިން މިނެޓް ތެރޭ ފޯނު ފުފެން ފެށި އެވެ. އެހެންވެ އަވަހަށް ޗާޖަރުގެ ވާގަނޑު ނައްޓާލީ ކަމަށާއި އޭރު އޮތީ ފޯނު ދެ ފަޅި ވެފައި ކަމަށް އެ މީހުން ބުނެފައިވެ އެވެ.

ޖަޕާނު މީހަކު ވެސް ވަނީ ހަމަ މި މައްސަލަ ދިމާވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭގެ ފޮޓޯތައް އާންމުކޮށްފަ އެވެ. އެކަމަކު އޭނާ ބުނީ ފޮށިން ފޯނު ނެގުމާ އެކު ފޯނު ފުފެން ފަށައި ރޫޅުނީ ކަމަށެވެ.

އެޕަލް އައިފޯން 8 ޕްލަސް ދެ ފަޅިވެފައި
އެޕަލް އައިފޯން 8 ޕްލަސް ދެ ފަޅިވެފައި

މި މައްސަލާގައި އެޕަލް އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެޕަލް އިން ވަނީ މި މައްސަލަ ބަލަމުން އަންނަކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި މި މައްސަލަ ދިމާވަނީ ފޯނުގެ ބެޓެރީ ފުފޭތީ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ދިމާވި ފޯނު މިހާރު ވަނީ، މައްސަލަ ބެލުމަށް އެޕަލްއާ ހަވާލުކޮށްފައި ކަމަށްވެ އެވެ.

އައިފޯނަށް ދިމާވާ ކަމަށް ބުނާ މި މައްސަލައިގެ ބޮޑުމިނެއް އަދި ނޭނގެ އެވެ. އެޕަލްގެ ވާދަވެރި ސެމްސަންގުން މިދިޔަ އަހަރު ނެރުނު ނޯޓް 7 ގައި ވެސް ބެޓެރީގެ މައްސަލަޔަކާ ހެދި އަލިފާން ރޯވާ މައްސަލައެއް ދިމާވެ އެ ފޯނު އުފެއްދުން ވަނީ ހުއްޓާލައިފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން، އައިފޯން 7 އަށް ވެސް އަލިފާން ރޯވުމުގެ މައްސަލަތަކެއް ދިމާވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އެ މައްސަލަ އާންމުކޮށް ހުރިހާ ފޯނަކަށް މައްސަލަ ދިމާވާ ވަރުގެ ކަމަކަށް ނުވާތީ ފަހުން އެ ވާހަކައެއް ނުދެކެވެ އެވެ.