ގޭގެއިން ކުނި އުކައިދޭނެ މީހުން ހޯދަން ވެމްކޯ އިން އިއުލާންކޮށްފި

ކުނި އުކައި ދޭނެ މީހުން ހޯދަން ވެމްކޯ އިން މިއަދު އިއުލާންކޮށްފި އެވެ.


މާލެ އާއި ބައެއް އެހެން ރަށްރަށުގައި ކުނި އުކައި ދިނުމުގެ ޚިދުމަތް ދޭ ސަރުކާރުގެ ކުންފުނިން ބުނީ ކުނި އުކާ މީހަކަށް ކޮންމެ މަހަކު 9،000ރ. ގެ މުސާރައެއް ލިބޭނެ ކަމަށެވެ.

"ޝަރުތަކީ މަސައްކަތް ކުރެވޭ ބާރު ހަށިގަނޑުގައި ހުރުން. ވަކި އަދަދަކަށް ނޫން މި ނަގަނީއެއް. ލިބޭ ވަރަކަށް މުވައްޒަފުން ނަގަމުން މި އަންނަނީ." ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގޭގެ އިން ކުނިއުކުމުގެ މަސައްކަތަށް ޝައުގުވެރިވާ މީހުން އައިޑީ ކާޑާއި ފޮޓޯ ކޮޕީ އާއި ޕޮލިސް ރިޕޯޓާއެކު، ވަޒީފާ އަށް އެދި ހުށަހަޅާތާ ތިން ދުވަސް ތެރޭގައި އިންޓަވިއު އަށް ކިޔާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.

މިދިޔަ އޮގަސްޓް މަހުން ފެށިގެން ވެމްކޯ އިން އަންނަނީ މާލޭގައި ކުނި އުކާލުމުގެ ހިދުމަތް ދެމުންނެވެ. އެ މަސައްކަތުގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ހަރަކާތްތެރިވެ އެވެ. އެ ވަޒީފާތަކާއެކު ކުރިން ނިކަމެތި ހާލުގައި އުޅުނު އެތައް ބަޔަކަށް ވަނީ ރަނގަޅު މުސާރައެއް ލިބެން ފަށައިފަ އެވެ.