ޔޫތު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މާޒިޔާ އާއި ކްލަބް އީގަލްސް ޖާގަ ހޯދައިފި އެވެ.
އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތުގެ ފައިނަލުން މާޒިޔާ ޖާގަ ހޯދީ ލީގު ބުރުގެ ފަހު މެޗުގައި އިއްޔެ ހަވީރު ގދ. ތިނަދޫ އަތުން 5-1 އިން މޮޅުވެ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އީގަލްސް ފައިނަލުން ޖާގަ ހޯދީ ފަހު މެޗުގައި ރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މޮޅުވެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
ދެ ޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު މާޒިޔާ އަށް އެއް ވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. މާޒިޔާ އާއި އީގަލްސް ވެސް ދެ މެޗު ކާމިޔާބުކުރިއިރު އެއްވަރުވީ މި ދެ ޓީމު ކުޅުނު މެޗެވެ. ފައިނަލް އޮންނާނީ މާދަމާ ހަވީރު ގަލޮޅު ދަނޑުގަ އެވެ.
އިއްޔެ ހަވީރު ތިނަދޫ އަތުން މާޒިޔާ މޮޅުވި މެޗުގައި މާޒިޔާގެ އިބްރާހިމް އަތީގް ހެޓްރިކެއް ހެދި އެވެ. އަނެއް ދެ ލަނޑު ޖެހީ ހަސަން ފުވާދާއި މުހައްމަދު ޝަޚާއު އެވެ. ތިނަދޫގެ ހަމައެކަނި ލަނޑު ޖެހީ ޒިލާލް މުހައްމަދެވެ.
ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން އީގަލްސް މޮޅުވި މެޗުގައި ރާހުލް ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ އީލާފް އަހުމަދެވެ.