ޕެނަލްޓީ ޖަހައިގެން 8-7 އިން މާޒިޔާ ބަލިކޮށް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކްލަބް އީގަލްސް މިއަދު ހަވީރު ކާމިޔާބުކޮށްފި އެވެ.
ދިވެހި ފުޓްބޯޅައިގެ ތެރެއަށް ޒުވާން ކުޅުންތެރިން ނެރުމުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އީގަލްސް ވެފައިވަނީ، 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އެފްއޭއެމުން 2011 ވަނަ އަހަރު ތައާރަފްކުރި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.
މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތު ނުކުޅެ ނަތީޖާ ނެރެން ޕެނަލްޓީ ޖެހީ އެވެ. މެޗުގައި ލީޑު ނެގީ މާޒިޔާ އިންނެވެ. އެ ޓީމަށް 43 ވަނަ މިނެޓުގައި މި ގޯލް ޖަހައިދިނީ އިބްރާހިމް އަތީގް ހަސަނެވެ. އީގަލްސް އަށް އެއްވަރުކޮށްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އަހުމަދު ތޮލާލެވެ.
މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ މާޒިޔާގެ އަތީގާއި އަބްދުﷲ ޖުނައިދު އަދި އީގަލްސްގެ މުހައްމަދު ނާއިމާއި މުހައްމަދު އަޝްވާނެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އީގަލްސްގެ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ވެސް އީގަލްސް އެވެ.
އީގަލްސް އަކީ މި މުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވި ޓީމެވެ. އެގޮތުން އީގަލްސް އިން ވަނީ ދާދި ފަހުން ނިމުނު އެފްއޭ ކަޕްގައި ޔޫތު ޓީމު ބައިވެރިކޮށްފަ އެވެ. އީގަލްސް ޓީމު އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަލިވީ ސީޒަނުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް އަތުންނެވެ.