ބޮލީވުޑްގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންނާ އެކު އަލިމަސްކާނިވަލުގައި މިރޭ ބޭއްވި ފޯރިގަދަ ޝޯ އާއި ހަވާ އެރުވުމުގެ ކުޅިވަރުން 2018 ވަނަ އަހަރަށް ދިވެހިން މަރުހަބާ ކިޔައިފި އެވެ.
މިިރޭ 9:00 ގައި ކާނިވާ ސަރަހައްދު ފުރި ބާރުވެފައިވާއިރު، ޝޯ ފެށީ ބޮލީވުޑްގެ ޑާންސް ގްރޫޕެއްގެ ނެށުމުގެ އައިޓަމަކުންނެވެ. އެ އަށް ފަހު، 2017 ގައި ޓޫރިޒަމަށް ލިބުނު ކާމިޔާބީއާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދެއްކެވުމަށް ފަހު، ސަރުކާރުން ތައްޔާރުކުރި "ސާސްކަފުގެ 17" ފޮތް ރައީސް އަބްދުﷲ ޔާމީން ނެރެދެއްވި އެވެ. ޝޯ އިން އެހާ ކުޑަވަގުތުކޮޅެއް ވެސް ރަސްމީ ކަމަކަށް ނެގުމުން، އޯޑިއަންސުން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން ފާޅުކުރި މަންޒަރު ވެސް ފެނުނެވެ.
އެކަން ހުއްޓާލައި ލަވަ ކިޔުންތެރިން އަރުވަން ގޮވަން ފެށުމުން ފުރަތަމަ ސްޓޭޖް ދޫކޮށްލީ މި ޝޯ އަށް ރާއްޖެ އައި ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފާތިހް އަލީ ޚާނަށެވެ. ސްޓޭޖުގައި ގޮނޑިއެއްގައި އިށީނދެގެން އިނދެ، އޭނާގެ ސްޓައިލްގައި މަޝްހޫރު ހުރިހާ ލަވަތަކެއް ކަހަލަ ގޮތަކަށް ހުށަހަޅައިދިނެވެ. އޭނާގެ ލިސްޓުގައި ގިނައިން ހިމެނީ މަޑުމައިތިރި އެކަމަކު ދިވެހިން އާއްމުކޮށް އަޑުއަހާ ލަވަތަކެވެ.
ޝޯ ގެ ފޯރި ގަދަވީ، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ސްޓޭޖާ ހަވާލުވި ހިސާބުންނެވެ. ރާހަތުއާ އެކު ދެތިން ލަވަ ހުށަހަޅައިދިނުމަށް ފަހު، ފޯރިގަދަ ލަވަތަކުން މިކާ ސިންގް ވަނީ މުޅި އޯޑިއަންސް ކައްކުވާލައިފަ އެވެ. ޝޯ ބަލަން ގޮސް ތިބި މީހުން ލައްވައި އޭނާއެކު ލަވަތައް ކިޔުއްވި އެވެ. އޭނާ ހުށަހަޅައިދިން ލަވަތަކުގެ ތެރޭގައި "މެރެ ރަޝްކޭ ކަމަރް" އާއި "ތު މެރޭ އަގަލް ބަގަލްހޭ އާއި" "ގަންދީ ބާތު" އާއި "ޖުއްމޭކި ރާތުހޭ" އާއި "ޑިންކަ ޗިކާ" ފަދަ ދިވެހިންގެ ތެރޭގައި މަގްބޫލް ލަވަތައް ހިމެނެ އެވެ.
މިކާ ލަވަ ކިޔަމުން ދިޔައިރު، އޭނާގެ ފަހަތުން ދިވެހިން ވެސް ދިޔައީ، ލަވަ ކިޔައި ނަށަމުންނެވެ. އެކި ގޮތްގޮތަށް ސެލްފީ ނެގުމާއި ސްނެޕް ޗެޓާއި އިންސްޓަގްރާމުގައި ވެސް ގެންދިޔައީ ޝޯގެ ފޮޓޯ އާއި ވީޑިއޯ ޝެއާކުރަމުންނެވެ.
ދޭތެރެއަކުން ލަވަތައް ކަމުދޭތޯ އަހައި، ރާއްޖެ އާއި ދިވެހިންނަށް ތައުރީފް އޮއްސާލަ އެވެ.
ދަންވަރު 12 ޖެހުމާއެކު އާ އަހަރަށް މަރުހަބާ ކީ ހަވާ އެރުވުމުންނެވެ. އޭރު ވެސް މިކާ ސިންގް ދިޔައީ ލަވަ ކިޔައި ދިވެހިންނާއެކު ފޯރިނަގަމުންނެވެ.
ލަވައަކަށް ފަހު ލަވައެއް ހުށަހަޅައިދެމުން ގޮސް، ދޮޅު ގަޑިއެއްހާ އިރުގެ ތެރޭގައި ޝޯ ބަލަން ދިޔަ މީހުން ހިތްފުރޭ ވަރު އޭނާ ވަނީ ކޮށްދީފަ އެވެ. ފަހު ލަވަ ކަމަށް ބުނެ ހުށަހެޅި ލަވައިގެ ފަހުން ވެސް އޯޑިއަންސްގެ ފޯރިއާ ހެދި އޭނާ ނިންމާލަން ޖެހުނީ އިތުރަށް ލަވަތައް ހުށަހަޅައިދިނުމަށް ފަހު އެވެ.
ޝޯ އިންތިޒާމްކުރި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ޔަގީންކަން ދިން ގޮތަށް، ހުރިހާ ކަމެއް ވެސް އެހެން އަހަރުތަކަށް ވުރެ ރަނގަޅެވެ. ޝޯ ހުށަހަޅައިދިނުމާއި އިންތިޒާމްތަކާއި ޝޯގެ ލައިޓިން އާއި ސައުންޑް ވެސް މި އަހަރު ތަފާތެވެ. ގިނަ ބަޔަކަށް ޝޯ "ވަރަށް ސަޅި"ވީ އެހެންވެ ކަމަށް ވުން އެކަށީގެންވެ އެވެ.
"މިއީ ޝޯ އަކީ. ވަރަށް ހިތްހަމަޖެހުނު. އެއްވެސް ފޫހިކަމެއް ނެތް، ވަރަށް ސަޅި،" ޝޯގައި ފޯރި ނެގި އެކަކު ބުންޏެވެ.