ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްސަދު (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
12 ޖުލައި 2016 - 10:04
މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީވެފައި ނެތްކަން އެނގިވަޑައިގަތުމާ އެކު ޕާޓީއާ ގުޅިވަޑައިގަތުމަށް އޭނާ އަލުން ފޯމު ހުށަހަޅުއްވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމަށް ވަދެވަޑައިގަތުމަށް އަސްއަދު އެންމެ ފުރަތަމަ ފޯމު ހުށަހެޅުއްވީ 2014ގެ މަޖިލިސް އިންތިހާބުގެ ކުރިން، އެ އަހަރު ކުރީކޮޅުގަ އެވެ. އެކަމަކު، އެ ފޯމް އިލެކްޝަންސް ކޮމިޝަނުން ވަނީ، އެނގިފައިވާ ގޮތުގައި، ބަލައިނުގަނެ، އަނބުރާ ފޮނުވާލައިފަ އެވެ. އެކަން މި ހުރިހާ ދުވަހު ވެސް އަސްއަދަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަބްދުލްއަލީމް މިއަދު ވިދާޅުވި ގޮތުގައި އިލެކްޝަނުން އަސްއަދުގެ ފޯމު ބަލައި ނުގަތީ ފިންގަޕްރިންޓް ސާފު ނުވާތީ އެވެ. އެހެންވެ، ޕާޓީ އަށް ވަނުމަށް އެދޭ ފޯމު އަސްއަދު އަލުން ހުށަހަޅުއްވާފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.
"އަސްއަދަކީ ޕީޕީއެމްގެ މެމްބަރެއް. އިލެކްޝަނުން ފޯމު ރިޖެކްޓު ކުރިޔަސް ޕާޓީ އޮފީހަށް ފޯމު ހުށަހަޅާ ހިސާބުން އެއީ މެމްބަރެއްގެ ގޮތުގައި ބަލާނީ،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައި ނެތްކަން އަސްއަދަށް އެނގިވަޑައިގަތީ ޕާޓީގެ ވައިބަ ގްރޫޕެއްގައި މިދިޔަ ހަފުތާގައި ބަޔަކު އެ މައްސަލަ ނެގުމުންނެވެ. އެއާ އެކު، މެމްބަރުކަމުގެ ފޯމު ފުރުއްވުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އަސްއަދު ޕާޓީ އޮފީހާ ފޯމު ހަވާލު ކުރައްވާފައިވާ ކަމަށް ވެ އެވެ.
"އަދި އެ ފޯމު އިލެކްޝަނަކަށް ނުފޮނުވަން،" އަލީމް ވިދާޅުވި އެވެ.
ޕާޓީތަކުގެ ކަންކަން ބަލަހައްޓަނީ އިލެކްޝަނުންނެވެ. ރަސްމީ ހުރިހާ ކަމެއްގައި ބަލަނީ އެ ކޮމިޝަނުން ގެންގުޅޭ ޕާޓީތަކުގެ ދަފުތަރަށެވެ.
ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި ބައިބައިވުމުގެ ތެރެއިން މައުމޫން ވަނީ ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލައްވާފަ އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.
މި ކަންކަމާ ދެކޮޅަށް އަދި ރައީސް ޔާމީންގެ ދިފާއުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވާ އެއް މެމްބަރަކީ އަސްއަދެވެ. އެ ގޮތުން، އޭނާ އިސްކޮށް ހުންނަވައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެއީ މައުމޫން ޕާޓީ ހިސޯރު ކުރައްވާފައިވާ ކަމަށް ބުނެ އެކަން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ވެއްދި މައްސަލައެކެވެ. ހަމަ އެ މައްސަލަ އަސްއަދު ވަނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީ އަށް ވެސް ހުށަހަޅުއްވާފަ އެވެ.
މައުމޫން ފެކްޝަނުން ވެސް ވަނީ އަސްއަދާ ދެކޮޅަށް ނުކުމެފަ އެވެ. އޭނާ ޕާލިމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ކުރިން ހިލާފުވި މައްސަލައެއް ބަލައިދޭން އެދި އާއްމު މެމްބަރަކު ވަނީ ސުލޫކީ ކޮމިޓީ އަށް ހުށަހަޅާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްޤާދިރު
12 July 2016
މައުމޫނުއާއިދެކޮޅަށް އަސަދު މަސައްކަތް ކުރާނަމަ ޕާޓީގައި ރަޖިސްޓްރީނުކޮށް ޕާޓީއިން ބޭރުކޮށްލެވިދާނެ!
އަލީބެ
12 July 2016
ޕާޓީގެ މެމްބަރެއް ނޫން. އެކަމަކު ޕީޖީ ގުރޫޕްގެ މެމްބަރެއް. ހެއްވާ ޕާޓީއެއް. ތިޕާޓީ ތެރޭ ކޮންމެ ކަމެއްވެސް ކުރެވިދާނެ.
ޕާޓީ މެމްބަރު
12 July 2016
ކިހިނެއްތޯ އެނގެނީ ރައީސްޔާމީނުގެ ނަންފުޅުވެސް އިލެކްޝަން ކޮމިޝަނުގެ ޕީޕީއެމް ދަފްތަރުގައި އޮތް ކަމެއް؟
ކޮލަމާފުށި
12 July 2016
މިވެސް ދެން ޚަބަރެއް..ތިފެންވަރުގެ މީހުން މަޖްލިހަށް ހޮވާފަތިތިބީ..ތިމާ މީހާގެ ޕާރޓިއެއް ނެތް.. އެކަމަކު ޕީޕީއެމް މަޖްލިސް މެމްބަރެއް..
އުމަރު 2018
12 July 2016
އަހަރެމެންގެ ޕާޓީ މީހެއްވެސް ނޫންދޯ ޒައީމް އާއި ދިމާކޮށްލައިގެން މިއުޅެނީ. ޕާޓީ އަށް ވަންނަން ކިތަންމެ އަވަސް އަރއިގެން ފޯމް ހުށައެޅި އަސް ޕާޓީގެ އޮފީސް މިހާރު ހިންގަނީ ޒައީމްގެ ފެކަޝަނުން. އެހެންވީމާ ޕާޓީގެ މެމްބަރަކަށް ނުވެވޭނެ.