މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 500 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ތިން މަހު ވަނީ 511 މައްސަލައެއް ނިންމައިފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ފަހު ތިން މަހު ނިންމި މައްސަލަތަކަށް ވުރެ 98 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ފަހު ތިން މަހު އޭސީސީން ނިންމި މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް ފިޔަވައި، އެހެން މައްސަލަތަކުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަން ސާބިތު ކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. ބާކީ ދެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރުގެ ފަހު ތިން މަހު ނިންމި މައްސަލަތަކާ ގުޅިގެން، ބައެއް ކަންކަން އިސްލާހު ކުރަން 108 އެންގުމެއް ދައުލަތުގެ 71 އިދާރާއަކަށް އޭސީސީން އަންގާފައިވެ އެވެ.