މީހުން ފަރިކޮށްލަދޭން ތިބި ހަމައެކަނި ބަޔަކީ މޮޅެތި މޭކަޕް އާޓިސްޓުންނެއް ނޫނެވެ. މީހާ "ރީތި" މީހަކަށް ބަދަލުކޮށްލަން އެންމެ ގިނަ އަދި އެންމެ ބުރަ މަސައްކަތެއް ކުރާ މީހުންނަކީ މި މީހުންނެވެ. އެއީ ރީތި ބައްޓަމެއްގައި ދުޅަހެޔޮ ސިއްހަތެއްގައި މީހުން ބައިތިއްބަން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އަދި އެންމެ ބޮޑު ހިތްވަރެއް ދޭ ފިޓްނެސްގެ ދާއިރާގައި ހަރަކާތްތެރިވާ މާސްޓާ ޓްރެއިނަރުން ނުވަތަ ޕާސަނަލް ޓްރޭނަރުންނެވެ. ރާއްޖޭގައި މިހާރު މި މީހުންނަށް ޑިމާންޑް ބޮޑެވެ. ޖިމް އަދި ގޭގެއަށް ގޮސްގެން ވެސް ހާއްސަ ސެޝަންތައް މި ޓްރޭނަރުން ދެ އެވެ. ޓޮޕް 10 ގެ މި ސެގްމަންޓުގައި މި ބަލައިލަނީ ފިޓްނެސްގައި ރާއްޖޭގައި މިހާރު އެމީހުންގެ ބާރާއި ނުފޫޒު ގަދަކޮށް އަދި އެންމެ އަޑުގަދަ 10 މީހުންގެ ލިސްޓަކަށެވެ. މިއީ ވަކި ތަރުތީބެއް އޮތް ލިސްޓެއް ނޫނެވެ. ފަހަރެއްގައި މި ލިސްޓަށް އަރަންޖެހޭ އެހެން މީހުން ވެސް އުޅެފާނެ އެވެ.

ރިޔާޒް

މާލެއަށް ކިޔަވަން ފޮނުވުމުން 1990ގެ ކުރީކޮޅު އާއިލާއަށް ސިއްރުން ބަނޑޮސް އައިލެންޑް ރިސޯޓަށް ގޮސް އެތަނުގެ ވެރިޔާ މުހައްމަދު ވަހީދުއްދީންގެ ފަރާތުން ލިބުނު ފުރުސަތުގައި ފިޓްނެސްގެ ތެރެއަށް ވަދެވި ބަނދެވުނީ އެވެ. އޭގެ ފަހުން މިހާރު 25 އަހަރު ވެއްޖެ އެވެ. އޭނާ 2011 ވަނަ އަހަރާއި ހަމައަށް ރިސޯޓުތަކުގައި މަސައްކަތް ކުރުމަށްފަހު މީހުން ޓްރެއިން ކުރަން ދެން އައީ މާލޭ ފިޓްނެސް ސެންޓަރަށެވެ.

ބަނޑޮހުގެ އިތުރުން ސަން އައިލެންޑް އަދި ވެލައްސަރު މޯލްޑިވްސްގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އެތަން އުވެންދެން އެތާ މަސައްކަތް ކުރުމަށް ފަހު ފިޓް ޒޯން އުފައްދައި މިއަދު ރިޔާޒް މަސައްކަތް ކުރަނީ އެތަނުގަ އެވެ. މި ލިސްޓަށް ރިޔާޒުގެ ނަން އަންނަނީވެސް ގިނަ ޒުވާން ފިޓްނެސް ޓްރެއިނަރުން ތަމްރީނުކޮށް ދޫކޮށްލާފައިވާ ޓްރެއިނަރަކަށް އޭނާ ވާތީ އެވެ.

ރިޔާޒް
ރިޔާޒް

ހިޝްކޮ

ހިޝްމަތު ފާއިޒު ނުވަތަ ހިޝްކޮއާ ނުލައި މި ލިސްޓު ފުރިހަމައެއް ނުވާނެ އެވެ. ފިޓްނެސްގެ ދާއިރާގައި ހިޝްކޮގެ ތަޖުރިބާ ގިނަ އެވެ. ފިޓްނެސްގެ ދާއިރާއަށް ހިޝްކޮ ނުކުމެފައިވަނީ 2000 ވަނަ އަހަރެވެ. އެއަށްފަހު 2009 ވަނަ އަހަރު މޫދު ކަސްރަތު ކްލާސްތަތަކުން ގްލޯފިޓް އުފައްދައި އޭނާ މިހާރު އަންނަނީ މީހުން ޓްރެއިން ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖެ ގެެނެސް މިހާރު އެ ޕްރޮގްރާމްތަކުގެ ޓްރެއިނަރުން ވެސް އޭނާ އަންނަނީ އުފައްދަމުންނެވެ. ހިޝްކޮ އަކީ ގްލޯފިޓްގެ ސްޓީލް މާސްޓާ ޓްރެއިނަރެކެވެ.

މުއީނާ

މި ލިސްޓުގައި ހިމެނޭ އެންމެ މަޝްހޫރު އެއް ނަމަކަށް މުއީނާގެ ނަން ވާނެ އެވެ. ޓޭބަލް ޓެނިސްގެ ތެރެއިން ތައާރަފްވެގެން ދިޔަ މުއީނާ ފިޓްނެސްގެ ތެރެއަށް ނުކުތީ ޓޭބަލް ޓެނިސް ކުޅެމުން ކުރެވޭނެ އެހެން ކަމެއް ކުރުމުގެ ގޮތުންނެވެ. އެގޮތުން 2004 ވަނަ އަހަރު ޝެރީ އިން ހިންގި ކޯހެއްގައި ބައިވެރިވެ 2006 އާ ހަމައަށް އެތަނުގައި މަސައްކަތް ކުރި އެވެ. އޭގެ ފަހުން އިންޓަނޭޝަނަލް ފެންވަރުގެ ކޯހަކަށް ފަހު 2011 ވަނަ އަހަރާ ހަމައަށް މާލޭ ފިޓްނެސް ސެންޓަރުގައި ޕާސަނަލް ޓްރެއިނަރެއް އަދި ޖެނެރަލް މެނޭޖަރުގެ ގޮތުގައި މަސައްކަތް ކުރި އެވެ. އެއަށްފަހު ޓީއެފްޖީ ގައި އޭނާ ދިޔައީ މީހުން ތަމްރީނު ކުރަމުންނެވެ. މިހާރު މުއީ އަންނަނީ ފްރީލާންސްކޮށް މީހުން ޓްރެއިން ކުރަމުންނެވެ.

މުއީނާ މިހާރު އަންނަނީ އައުޓް ޑޯ ބޫޓް ކޭމްޕުތައް ހިންގަމުންނެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު އާއިލާ އާއި ގާތް މީހުންނަށް ކޭމްޕް ހިންގި ނަމަވެސް އެ ކޭމްޕަކީ އާންމުކޮށް އެންމެނަށް ހުޅުވާލައިގެން ހިންގާ ކޭމްޕެކެވެ.

މުއީނާ
މުއީނާ

ކައިޝާ

ކައިޝާ އަކީ ވެސް ރާއްޖޭގެ ފިޓްނެސް ދާއިރާގެ ގަދަ ނަމެކެވެ. ކުޑައިރުން ފެށިގެން ކުޅިވަރުގެ ތެރޭގައި އުޅެމުން ގޮސް ފުރާވަރަށް އެރިއިރު ކައިޝާ ހުރީ ފިޓްނެސްއާ ޓްރެއިނިންގެ ތެރެއަށް ނިކަން ބޮޑަށް ވަދެވި ޝައުގުވެރިވެފަ އެވެ. ބޮޑު ދައިތައާ އެކު އޭނާ ޖިމަށް ގެންދިއުމުން ކަމަށްވެސް ވެދާނެ އެވެ. ސްކޫލް ނިންމާލާފައި އެންމެ ފުރަތަމަވެސް އޭނާ ދުއްވައިގަތީ ހީޓާ ދިމާލަށެވެ. އެތަނުގައި ބޮޑީ ޖޭމް ކްލާސްތަކާއި އެކިކަހަލަ ޓްރެއިނިންތަކުގައި ބައިވެރިވެ މުޅި ދުވަސް ޖިމްގައި ހޭދަކުރި އެވެ. އޭގެ ފަހުން ޖަމާލުއްދީން ސްކޫލްގައި ވަޒީފާ އަދާކޮށްފައި ޓީއެފްޖީ އިން ލިބުނު ފުރުސަތުގައި މީހުން ތަމްރީނުކުރަން ފެށީ އެވެ. ކައިޝާ އަކީ ޓީއެފްޖީ އުފައްދަން ނެގި ދެ ވަނަ ސްޓާފެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އެތަނުން ވަކިވެ މިހާރުގެ ކައިޝާއަށް އޭނާ ބަދަލުވީ އެވެ.

މިއަދު ކައިޝާ ގޭގެއަށް ގޮސް މީހުން ޓްރެއިން ކޮށްދެނީ އެވެ. މުޅި ދުވަސް އޮންނަނީ މީހުން ތަމްރީނު ކުރުމުގަ އެވެ.

ކައިޝާ
ކައިޝާ

އައްލޮ

ރީތި ހަށިގަނޑެއް ނުވަތަ ނިކަން ރީތި ފިޒީކެއް ދިވެހިންނަށް އެންމެ ކުރިން ދައްކާލި އެކަކަށް ޖޭމު އައްލޯ ނުވަތަ އަބްދުﷲ ނިޔާޒް ވާނެ އެވެ. "ޖާދޫގައި ޖެހޭނޭ" އިން ފެނުނު އޭނާގެ ރީތި ހަށިގަނޑު ހޯދަން އޭނާ އެންމެ ފުރަތަމަ ކަސްރަތުކުރީ ސިމެންތިން ޑަމްބެލް ހަދައިގެންނެވެ. އެ ޝައުގުވެރިކަމެއް ނުވަތަ ފިޓުކޮށް ހުންނަން އައްލޮގެ ހިތު ތެރެއަށް ވަނީ ބޭރުގެ ފިލްމުތަކުން ފެންނަ މީހުންގެ ހަށިގަނޑެއް ބޭނުންވެގެންނެވެ. އޭނާ 1992 ވަނަ އަހަރު މަސްލް ލޯޑް ޖިމާ ގުޅި 1995 އިން ފެށިގެން އޭނާ ބަދަލުވީ ޓްރެއިނަރަކަށެވެ. މީހުން ޓްރެއިން ކުރުމަކީ އުފަލެއް ކަމަށް ހަދައި މިހާތަނަށް އެތައް ސަތޭކަ ބަޔަކު ތަމްރީނުކޮށްފި އެވެ.

ރާއްޖެއިން ބޭރުގައި ބާއްވާފައިވާ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްތަކުގައި ބައިވެރިވެ ރީތި ވަނަތަކެއް ވެސް އައްލޮވަނީ ގެނެސްފަ އެވެ. ރާއްޖޭ ފަހުރުވެރި ކުރުވާފަ އެވެ. އެހެން ވީމަ ރާއްޖޭގެ އެންމެ ޓޮޕް ޓްރެއިނަރުންގެ ލިސްޓެއްގައި އައްލޮގެ ނަން ނުހިމެނެންވީ އެއްވެސް ސަބަބެއް ނެތެވެ.

އައްލޮ
އައްލޮ

އަލީ މުއާޒް

މުއާޒަކީ ވެސް މީހުން ތަމްރީނު ކުރުމާއި ފިޓްނެސްގެ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާހުރި އަދި މިހާރުވެސް މީހުން ޓްރެއިން ކުރަމުން އަންނަ މީހެކެވެ. މިހާރު މުއާޒަކީ ގްލޯފިޓްގެ މާސްޓާ ޓްރެއިނާއެއްގެ އިތުރުން ކޯޗެއްވެސްމެ އެވެ. މުއާގެ ފިޓްނެސް ކެރިއަރު ފަށާފައިވަނީ 2000 ވަނަ އަހަރެވެ. ކުޅިވަރާއި ކަސްރަތަށް އަބަދުވެސް ހާއްސަ ލޯތްބެއް އޮވެ އެވެ.

ފިޓްނެސްގެ ދާއިރާއިން މުއާ އަށް ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ އަނބިމީހާ ހިޝްކޮ އެވެ. އެއަށްފަހު 2009 ވަނަ އަހަރު މޫދު ކަސްރަތު ކްލާސްތަތަކުން ގްލޯފިޓް އުފައްދާ އޭނާ މިހާރު އަންނަނީ މީހުން ޓްރެއިން ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖެ ގެެނެސް މިހާރު އެ ޕްރޮގްރާމްތަކުގެ ޓްރެއިނަރުން ވެސް އޭނާ އަންނަނީ އުފައްދަމުންނެވެ.

މަނާފް

ފަހަރުގައި ހަސަން މަނާފް އަކީ ކާކުކަން ގިނަ މީހުންނަށް ނޭނގިދާނެ އެވެ. ޕްރޮފެޝަނަލްކޮށް މީހުން ތަމްރީނު ކުރަން ފެށިތާ އަދި ދޮޅު އަހަރު ވީ އެވެ. އެކަމަކު މިހާރުވެސް އޭނާ މަގުބޫލެވެ. ފަހަރުގައި މީހުން ތަމްރީނު ކުރުމުގައި މަނާފް ގެންގުޅޭ އުސޫލު މާބޮޑަށް މީހުންނަށް ކަމުދިޔައީ އެވެ. މަނާފްގެ ކޮންމެ ސެޝަނެއްގައި ވެސް ދެ ކްލައިންޓުންނަށްވުރެ ގިނައިން ނުހިމެނޭނެ އެވެ. މަނާފް ގަބޫލުކުރާ ގޮތުގައި ރަނގަޅަށް އިންސްޓްރަކްޓް ކޮށްދެވި އަދި ކްލައިންޓު ވެސް މަސައްކަތްކޮށްފި ނަމަ މަހެއްހާ ދުވަހުގެ ތެރޭގައި ނަތީޖާ ފެންނާނެ އެވެ. އެންމެ އެކަށީގެންވާ ގޮތަކަށް އިންސްޓްރަކްޓް ކޮށްދެވޭނީ ވަކިވަކި ކްލައިންޓުންނަށް ގަޑި ހާއްސަކޮށްގެންނެވެ.

މީހުން ތަމްރީން ކުރަން ފެށިތާ މާގިނަ ދުވަސް ނުވި ނަމަވެސް އުމުރުން 32 އަހަރުގެ މި ޒުވާނާގެ އުމުރުން 19 އަހަރުން ފެށިގެން ޖިމަށް ދެ އެވެ. ބޭރުގެ ކިޔަވަން ހުރި އިރުވެސް އަދި ޓްރެވެލް ކުރިޔަސް އެވެ.

މަނާފް
މަނާފް

މަރީ

މަރިޔަމް އަބްދުލް ކަރީމް ނުވަތަ މަރީ ގިނަ މީހުންނަށް އެނގޭނީ ހީޓް މަރީ އެ ބުނީމަ އެވެ. މަރީގެ މި ކެރިއަރު ފަށައި ފިޓްނެސްގެ ދާއިރާއަށް ވަދެވުނީ 1997 ވަނަ އަހަރު ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. އެރޮބިކްސް އިންސްޓްރަކްޓަރެއްގެ ކޯސް ފުރިހަމަކޮށް ނުވަ އަހަރު ވާންދެން މަސައްކަތް ކުރި އެވެ. އެތަނުގެ ސްޕޯޓްސް ސެންޓަރުގައި ވަޒީފާގައި އުޅުނު އިރު ޖިމަށް ވަންނަން ޖެހުންވީ މަރީގެ ހިތުގައި މި ދާއިރާއަށް ލޯބި އުފެދުން ސަބަބަކަށެވެ. ބަނޑޮހުގައި ނުވަ އަހަރު މަސައްކަތް ކުރުމަށްފަހު އޭނާ ނެގީ ބްރޭކެކެވެ. އޭގެ ފަހުން 2006 ވަނަ އަހަރު ހީޓް އެންޑް ފިޓްނެސް އާ ގުޅި ތަފާތު ފިޓްނެސް ޕްރޮގްރާމްތައް މަލޭޝިޔާ އަދި ސިންގަޕޫރުން ފުރިހަމަ ކުރި އެވެ.

މަރީ 2006 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ ހީޓްގައި ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގަ އެވެ.

މަރީ
މަރީ

ޝަންނަ

ރާއްޖޭގެ ޓްރޭނަރުންގެ ލިސްޓެއް އެކުލަވާލާއިރު އެނަމެއްގެ ނުފޫޒު އެންމެ ގަދަ ނަމަކަށް ގައިމުވެސް ޝަޒްނާ މުހައްމަދު ނުވަތަ ޝަންނަގެ ނަން ވާނެ އެވެ. 2002 ވަނަ އަހަރުން ފެށިގެން ފިޓްނެސްގެ ތެރޭގައި އުދުހެމުން އަންނަ އިރު މިއަދު އެއީ ޓީއެފްޖީއިން ހިންގާ ޕާސަނަލް ޓްރެއިނިން ކޯހުގެ ލެކްޗަރާއެއް އަދި ކޯސް ކޮންޑަކްޓާއެއްވެސްމެ އެވެ. ޝަންނަ އޭނާގެ ފިޓްނަސް ކެރިއަރު ފަށައިގަތީ 2001 ވަނަ އަހު ޝެރީންނެވެ.

ޝަންނަ
ޝަންނަ

ޕާސަނަލް ޓްރެއިނަރެއްގެ އިތުރުން ޝަންނަ އަކީ މާސްޓާ ޓްނެއިނަރެއް އަދި ރެޑިކަލް ފިޓްނެސް މާސްޓާ ޓްރެއިނަރެކެވެ. ބައެއް ޓްރެއިނިން ޕްރޮގްރާމްތައް އޭނާ ފުރިހަމަކުރީ ސިންގަޕޫރާއި މެލޭޝިޔާއިންނެވެ.

މުހައްމަދު ޒައިން ހަސަން

މި ލިސްޓުގައި ހިމެނޭ އެންމެ ހަގު ޓްރޭނަރަކަށް ޒައިން ވާނެ އެވެ. އުމުރުން އަދި އެންމެ 22 އަހަރެވެ.

އެކަމަކު މީހުން ތަމްރީނު ކުރުމުގައި އެއީ ހަގު ނަމެއް ނޫނެވެ. ޖިމަކަށް ގޮސް މީހުން ތަމްރީނުކޮށް އެ ދާއިރާއިން ކިޔަވަން ޒައިންގެ ހިތުގައި ހާއްސަ ލޯތްބެއް އުފެދިގެން ދިޔައީ ނިކަން ފަލަކޮށް ހުރެފައި ހިކެން އޭނާ ޖިމަށް ދާން ފެށި ހިސާބުންނެވެ. އެކަމަށް ޓީއެފްޖީ އިހްތިޔާރުކޮށް އޭނާގެ ހަށިގަނޑަށް ގެނައި ޓްރާންސްފޮމޭޝަނާއެކު އޭނާ ނުކުތީ އެތަނުން ވަޒީފާ ވެސް ހޯދައިގެންނެވެ. ޓީއެފްޖީން ހިންގި ކޯސްތައް ފުރިހަމަކޮށް 2014 ވަނަ އަހަރުން ފެށިގެން ޒައިން އުޅެނީ މީހުން ޓްރެއިން ކުރާށެވެ.

ޒައިން
ޒައިން