މުސާރަ އެންމެ ބޮޑުކުރީ ދަށް ފަންތީގެ މުވައްޒަފުންނަށް: ސީއެސްސީ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައި އިރު، ނިސްބަތުން މުސާރަ ނުވަތަ އެންމެ ބޮޑު އެލަވަންސެއް ދެނީ ދަށް ފަންތީގެ މުވައްޒަފުންނަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.


އެ ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ފުރަތަމަ ވެސް ވާހަކަ ދައްކަވަން ފެއްޓެވީ ދިވެހި ބަސް ފޮތް ހިއްޕަވައިގެން އިންނަވައި އެ ފޮތުގައި "މުސާރަ" މާނަކޮށްފައިވާ ގޮތުގެ ތަފްސީލު ދެއްވަމުންނެވެ. އެލަވަންސެއް ދިނުން ވެސް ހިމެނެނީ މުވައްޒަފުގެ މަސައްކަތުގެ އުޖޫރައިގެ ތެރޭގައި ކަމުން، އެލަވަންސެއް ދިނުން ވެސް ބެލެވޭނީ މުސާރަ ބޮޑުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ މިގޮތަށް މާނަކޮށްދެއްވީ، އަސާސީ މުސާރަ ބޮޑުކޮށްދިނުމުގެ ބަދަލުގައި އެލަވަންސެއް ދޭން ނިންމުމުން މުވައްޒަފުން ކުރާ ޝަކުވާތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ. މިއީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަލަށް ދޭން ފަށާ އެލަވަންސެކެވެ.

އަލަށް ދޭން ފަށާ އެލަވަންސްގެ ތަފްސީލް:

- ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް 1،500ރ.

- ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް 1،300ރ.

- ޑިރެކްޓަރުންގެ މުސާރަ އަށް 1،100ރ.

- ޑެޕިއުޓީ ޑިރެކްޓަރުންނާއި ސީނިއަ ޓެކްނިކަލް އޮފިސަރު ގްރޭޑް 2 އާއި ސީނިއަ އޮފިސަރު އަދި ޓެކްނިކަލް އޮފިސަރު ގްރޭޑް 2 އަށް 900ރ.

- ސީނިއަ އޮފިސަރު ގްރޭޑް 2 އިން ފެށިގެން އެސިސްޓެންޓް އޮފިސަރު ގްރޭޑް 1 އާ ހަމައަށް 700ރ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވާހަކަ ދައްކަވަނީ. --ފޮޓޯ/ހުސެއިން ވަހީދު/މިހާރު

ޝަމީމް ވިދާޅުވީ މުވައްޒަފުންގެ މުސާރަ 28 ޕަސެންޓުން 39 ޕަސެންޓާ ދެމެދަށް ބޮޑުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ސަޕޯޓް ސާވިސް ކެޓަގަރީގެ މަގާމްތަކަށް ކަމަށާއި އެ ކެޓެގަރީގެ މުސާރަ އެންމެ މަދުވެގެން ވެސް 37 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ކެޓަގަރީގައި ތިބި 5،800 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާ ކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި މިއީ ސިވިލް ސާވިސްގެ ދަށް ފަންތީގައި ތިބި މުވައްޒަފުންގެ މުސާރަ އެންމެ ބޮޑު ކުރިއެރުމެއް އައި ފަހަރު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މި ގެނެވުނު ބަދަލުތަކާ ގުޅިގެން ސިވިލް ސާވިސްގެ އެންމެ ކުޑަ މުސާރަ ލިބޭ ރޭންކުގެ މަގާމްތަކަށް މުސާރަ އާއި ފިކްސްޑް އެލަވަންސްތަކާ އެކު ޖުމްލަ 5،300ރ. ލިބޭނެ. މިއައި ބަދަލާ ގުޅިގެން ސިވިލް ސާވިސްގެ އެންމެ ތިރި ފަންތީގެ މަގާމްތަކަށް އަހަރަކު 83.75 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަސާސީ މުސާރައިގެ ބަދަލުގައި އިތުރު އެލަވަންސެއް ދޭން ނިންމީ ވެސް މުވައްޒަފުންގެ ފައިދާ އަށެވެ. އަސާސީ މުސާރަ ބޮޑުކޮށްފި ނަމަ ޕެންޝަނަށް ކަނޑަން ޖެހޭ ބައި އިތުރުވެ، ގެއަށް ގެންދަން ލިބޭ ފައިސާ މަދުވާނެތީ އެކަމަށް މުއައްސަސާތަކުން ވިސްނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

މުވައްޒަފުންގެ މުސާރަ މި ބޮޑުކުރީ، ސިވިލް ސާވަންޓުން ޝަކުވާ ކުރާތާ އެތައް އަހަރެއް ފަހުންނެވެ. ސިވިލް ސާވަންޓުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުޖެހެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެ އަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށް އެކަންޏެވެ.