މި އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އެދެފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން މި އަހަރު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިނުވާ ބައެއް ކުންފުނިތަކުން ފައިސާ ނަގަމުން ދާކަން ވަނީ ފާހަގަކުރެވިފަ އެވެ. ހުއްދަ ނެތް ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިއުމަކީ ގިނަ ދަތިތަކާ ކުރިމަތިވެދާނެ ކަމަކަށް އިއުލާންގައިވެ އެވެ. އެހެންކަމުން އެފަދަ ކުންފުނިތަކުން މީހުން އުމްރާއަށް ނުގެންދަން އަންގަމުން އަންނަ ކަމަށް ވެސް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން އެދުނީ އުމްރާ އަށް ދާން ފައިސާ ދައްކާއިރު އެއީ ހުއްދަ ލިބިފައިވާ ކުންފުންޏެއްތޯ ކަށަވަރުކުރުމަށެވެ.
މި އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް 18 ކުންފުންޏަކަށެވެ.