އުސޫލަށް ބަދަލު ގެނެސް، އުމްރާ އަށް ގެންދިއުމުގެ ހުުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ

ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމުގައި ހުއްދަ ދިނުމުގެ އުސޫލަށް ބަދަލު ގެނެސް، އުމްރާ އަށް ގެންދިއުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.


އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދައާ ބެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގަންނަން ލިބޭނެ ކަމަށާއި އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އުމްރާ އަށް މީހުން ގެންދިއުމާ ބެހޭގޮތުން ހަދާފައިވާ އުސޫލަށް މިދިޔަ ހަފުތާގައި ގެނައި އިސްލާހުތަކުގައި ހުއްދަ އަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ވަނީ ގެެނެސްފަ އެވެ.

ކުރިން އުސޫލު އޮތްގޮތުން އެފަދަ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރަނީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ހިމެނޭ ގޮތަށް އޮންނަ ފަސް މެމްބަރުންގެ ކޮމެޓީއަކުން ކަމަށް ވިޔަސް، މިހާރު ގެނައި އިސްލާހު އޮތްގޮތުން ޕްރޮޕޯޒަލްތައް ޗެކް ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ.

ޕްރޮޕޯޒަލް ހުށަހަޅާއިރު އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް މަދުވެއްޖެ ނަމަ ޕްރޮޕޯޒަލް ބާތިލްވާ ގޮތަށް އުސޫލު ކުރިން އޮތަސް، އެ އިސްލާހުގައި ހިމަނާފައި ވަނީ އެކަމެއް އިސްލާހު ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދޭންޖެހޭ ގޮތަށެވެ.

އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ޝަރުތުތަކަށް ވެސް އެ އިސްލާހުގައި ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން އުސޫލު އޮތްގޮތުން ހުއްދަ އަށް އެދި ހުށަހަޅާއިރު އެ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ނުވަތަ ޚިޔާނާތުގެ ތުހުމަތު ކުރެވިގެން މައްސަލައެއް ހިނގަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.

މިހާރު އިސްލާހު އޮތްގޮތުން ހުއްދައަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވެސް އެ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ ނަމަ އެކަމުގެ ހުއްދައަށް އެދި އެ ކުންފުންޏަކަށް ޕްރޮޕޯޒަލް ހުށައެއް ނޭޅޭނެ އެވެ.

މީގެ އިތުރުން އުމްރާ އަށް މީހުން ހުއްދަ ލިބޭ ފަހުން އެ ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ، އެކަމެއްގެ ކުޑަބޮޑު މިނަށް ބަލައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ޝަރުތުތަކެއް އެ ކުންފުންޏަކުން ފުރިހަމަ ކުރަން ޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. އެ ޝަރުތުތައް ފުރިހަމަ ނުކޮށްފި ނަމަ އެ ކުންފުންޏަކަށް ދޫކުރި ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން އެ ކުންފުނީގެ އޮފީހެއް މާލޭގައި ހުރުން ލާޒިމްވާ ގޮތަށް އުސޫލު ކުރިން އޮތަސް، މިހާރު އެ އިސްލާހުގައި ހިމަނާފައިވަނީ ހުއްދަ ލިބޭތާ 15 ދުވަސް ތެރޭގައި އެ އޮފީސް ހުޅުވަންޖެހޭ ގޮތަށެވެ.