ޚިޔާލު ތަފާތުވުންތަކުގައި ވެސް ދެކޮޅުވެރިވެ، އެންމެން ހަލާކުވިޔަ ދީގެން ނުވާނެ: މެންކް

ދީނީ ޚިޔާލު ތަފާތުވުންތަކުގައި ދެކޮޅުވެރިވެ، ގައުމު ހަލާކުވެގެން ދިއުމަށް ފުރުސަތު ނުދީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިރޭ ގޮވާލައްވައިފި އެވެ.


އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ މެންކް ރާއްޖެ ވަޑައިގެން، ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސް ބިނާ ކުރެއްވީ އިސްލާމްދީނާ ދުރު ވިސްނުން ހުންނަ މީހުން ރިހެބިލިޓޭޓް ކުރުމާއި އޭގެ މުހިންމު ކަމާ ބެހޭގޮތުންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުން އަދި ވަރަށް ގިނަ އާންމުން ދިޔަ ބައްދަލުވުމުގައި، މެންކް ވިދާޅުވީ އިސްލާމްދީނުގައި މުސްލިމުންނަށް އަބަދުވެސް ބާރު އަޅަނީ އެންމެންނަށް ވެސް އިހްތިރާމް ކުރުމާއި އޯގާތެރިކަމާ އެކު އަމަލު ކުރުމަށް ކަމަށެވެ. އެހެންވެ، އެކަމުން އެންމެން ވެސް މިސާލު ލިބިގަނެ، ޚިޔާލު ތަފާތުވާ މީހުންނާ މެދު ވެސް އިހްތިރާމާ އެކު، ރީތި ގޮތުގައި އަމަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިސްލާމްދީން ފެތުރިގެން ދިޔައީ ވެސް އެ އުސޫލުތައް ހިފަހައްޓައިގެން ކަމަށާއި ހަނގުރާމައިގެ މައިދާނުގައި ވެސް ރަސޫލާ ދެއްކެވީ އެފަދަ މިސާލުތަކެއް ކަމަށް މެންކް ވިދާޅުވި އެވެ.

މެންކް، މިރޭގެ ދަރުސް ދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ އެކު ކާނިވާ ސަރަހައްދަށް ވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެހެން މީހުންނާ މެދު އޯގާތެރިވާން ޖެހޭނެ. އެއީ އެހެން މީހުން ތިމާއާ ކިތަންމެ ތަފާތު ވިޔަސް. ކޮންމެ މީހަކީ ތިމާގެ ވިސްނުން ހުރި މިންވަރަށް ކަންކަން އެނގޭ މީހަކަށް ނުވެދާނެ،" މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައިވާ މެންކް ވިދާޅުވި އެވެ.

މެންކް ވިދާޅުވި ގޮތުގައި، އެހެން މީހަކު ތިމާއާ މެދު ކިތަންމެ ގޯސްކޮށް އަމަލު ކުރިޔަސް، އެ މީހަކާ މެދު ދެކޮޅުވެރިވާކަށް ނުޖެހެ އެވެ. އަދި ދީނީ ހައްދުފަހަނައަޅާފައިވާ މީހުން އަމަލުކުރާ ގޮތަށް، އެ މީހުންގެ ގަބޫލު ކުރުންތައް ގަދަ ބާރުން އެހެން މީހުންނަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ އަމަލު ކުރަންޖެހޭ ގޮތް ނޫން ކަމަށް ވެސް މެންކް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިތް ވަރަށް ހަރު. އެކަމަކު އަޅުގަނޑުމެން ބޭނުންވޭ އެހެން މީހުން އިސްލާމްދީނަށް އަންނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގިނަ މީހުން އިސްލާމްދީނާ މެދު ހިތްވަރު ގެއްލިގެން ދަނީ އަޅުގަނޑުމެން އެ މީހުންނާ މެދު މުއާމަލާތު ކުރާ ގޮތުން. އަދި އަޅުގަނޑުމެންގެ އެކަމުގެ ފުރިހަމަ އިލްމު ނެތްކަން ކުޑަކޮށް ވެސް ވިސްނާ ނުލާތީ." މެންކް ވިދާޅުވި އެވެ.

މެންކްގެ މިރޭގެ ދަރުސް، ބައެއް މީހުން ކަނުލައި އަޑުއަހަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިސްލާމީ ބައެއް ގައުމުތައް ހަލާކުވެގެން ދިޔައީ ޚިޔާލު ތަފާތުވުންތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ނުކުރުމާއި ދެކޮޅުވެރިވެ ގަތުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް މެންކް ވިދާޅުވި އެވެ. އެގޮތުން، ސީރިއާ އާއި ލީބިއާ ފަދަ ގައުމުތައް އޭނާ މިސާލެއްގެ ގޮތުން ނެންގެވި އެވެ. އަދި ރާއްޖެ އަކީ އަމާންކަން އޮތް ގުދުރަތީ ރީތިކަން އޮތް ގައުމެއް ކަން ފާހަގަ ކުރައްވައި، ރާއްޖޭގެ އެ ހަމަޖެހުން ނަގައިލަން ފުރުސަތު ނުދިނުމަށް މެންކް ގޮވައިލެއްވި އެވެ.

"މިއީ އެއް ޒަމާނެއްގައި ބާރުގަދަ ގައުމުތަކެއް. ކިހިނެތްތޯ އެ މީހުންނަށް ވީ؟. ޣާފިލްކަން. އަޅުގަނޑުމެންނަށް މުޅި ރޭ ވެސް ހޭދަ ކުރެވިދާނެ އޭގެ ތެރެއިން ޣާފިލްވީ ކޮން ބައެއް ކަމާ މެދު. އެކަމަކު ހަގީގަތަކީ ރައްޔިތުން އެ މީހުންގެ އަމިއްލަ ގައުމު ހަލާކުކޮށްލީ،" އޭނާ ވިދާޅުވި އެވެ.

މެންކް، މިރޭ ދަރުސް ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މެންކް ވިދާޅުވި ގޮތުގައި އިސްލާމްދީނާ ޚިލާފް ކަމެއް މީހެއްގެ ފަރާތުން ފެންނަ ކޮންމެ ފަހަރަކު ދެކޮޅުވެރިވެ، އެ މީހަކު ކާފަރު ކުރުމަކީ ސަވާބު ލިބޭނެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ. އަދި ދުނިޔެ ފުޅާވެފައިވާ މިންވަރުން، ޚިޔާލު ތަފާތުވާ އެންމެންގެ އަނގަ ބަންދު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަން ގަބޫލު ކުރަން ޖެހޭނެ ކަމަށާއި އެކަން ކުރަން އުޅުމަކީ ބޮޑު ކާރިސާއަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން މީހުންނާ މެދު އޯގާތެރިވާން ޖެހޭނެ. އެއީ އެހެން މީހުން ތިމާއާ ކިތަންމެ ތަފާތު ވިޔަސް. ކޮންމެ މީހަކީ ތިމާގެ ވިސްނުން ހުރި މިންވަރަށް ކަންކަން އެނގޭ މީހަކަށް ނުވެދާނެ،" މެންކް

"އަޅުގަނޑުމެންގެ ވިސްނުމަކީ މާ ރަނގަޅު އަދި މާ ފުރިހަމަ ނުވަތަ ހަގީގީ އެއްޗެއް ކަން އެހެން މީހުންނަށް ރީތި ގޮތުގައި ވިސްނައިދޭން މަސައްކަތް ކުރަން ޖެހޭނީ. އެކަމަކު މީހުންގެ އަނގަ ބަންދެއް ނުކުރެވޭނެ. އެއީ ކުރެވޭނެ ކަމެއް ނޫން. އެންމެންގެ އަނގަ ބަންދު ކުރެވޭނެ ކަމަށް ދެކެންޏާ އެއީ ބޮޑު ކާރިސާއެއް ފަދަ ކަމެއް،" ޒިމްބާބުވޭ އަށް އުފަން މެންކް ވިދާޅުވި އެވެ.

މެންކްގެ ދަރުސް އަޑުއަހަން މިރޭ ދިޔަ މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުސްލިމުންގެ ރީތި އަޚްލާގް ފެނި، ބައެއް މީހުން އިސްލާމްދީން ގަބޫލު ކުރުމުގެ ބައެއް މިސާލުތައް ދައްކަވަމުން މެންކް ވިދާޅުވީ، ހަގީގީ މުސްލިމުންގެ އަމަލުތައް ހުރެގެން ނުވާނެ ގޮތްގޮތަށް ބައެއް މީހުންގެ އަމަލުތައް މިހާރު އެބަހުރި ކަމަށެވެ. އަދި ޚިިޔާލު ތަފާތުވުންތަކުގައި ދެކޮޅުވެރިވާ ނަމަ، އެންމެން "ބޮޑު ކަނޑަކަށް" ގެނބިގެން ދާނީ އެންމެން އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް މީހުންގެ އަޚްލާގާއި ގަބޫލުކުރާ އުސޫލުތައް ތިމާ ގަބޫލު ނުކުރާ ގޮތަކަށް ހުރީމާ އެފަދަ މީހުންނާ މެދު ނަފްރަތު އުފެއްދުމާއި ތަޅައި ފޮޅުމާއި މެރުން ފަދަ ކަންކަން ކުރާނީތޯ ނުވަތަ ރީތި ގޮތުގައި އަހަރުމެންގެ އުސޫލުތައް ފޯރުކޮށް ދޭނީތޯ،" މެންކް ވިދާޅުވި އެވެ.

މެންކްގެ ދަރުސް އަޑުއަހަން ޒުވާނުންތަކެއް ކާނިވާ ސަރަހައްދުގައި މިރޭ މަޑުކޮށްލައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މެންކް ވިދާޅުވި ގޮތުގައި، މުސްލިމުންގެ ރީތި ސިފަ އަކީ އެ މީހުންގެ އަޚްލާގެވެ. އެހެންވެ، މުސްލިމުންގެ އަމަލުތަކުން އެކަން ފެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މެންކްގެ ދަރުހެއް މާލޭގެ އިތުރުން އައްޑު އާއި ހދ. ކުޅުދުއްފުށީގައި ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭނާއާ ސުވާލު ކުރުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެއް ވެސް މާލޭގައި ބާއްވާނެ އެވެ.