ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް)ގެ ދަރުހެއް މި މަހު 31ގައި ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި މުފްތީ މެންކްގެ ދަރުހެއް ބޭއްވުމަށްޓަކައި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.
ދަރުސް ބާއްވަން ނިންމާފައި ވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި މި މަހު 28 އިން 31 އަށް މުފްތީ މެންކް ރާއްޖެ އަށް ކުރައްވާ ދަތުރުގައި އެކި ތަންތަނުގައި ދީނީ ދަރުސް ދޭން ނިންމާފައިވެ އެވެ.
މުފްތީ މެންކް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ ވަޑައިގަތެވެ. އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އެ ދަތުރުގައި ހދ. ކުޅުދުއްފުށީގައި އޭނާ ދަރުސް ދެއްވި އެވެ. އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވި އެވެ. އެ ދަރުސްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާ ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މުފްތީ އަކީ އޭނާ އުފަން، ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ ހެޑެވެ. އަދި އޭނާ ވަނީ އެ ރޮނގުން ދުނިޔޭގެ ބޮޑު މަޝްހޫރު ކަމެއް ހޯއްދަވައިފަ އެވެ.