ކުއާލަ ލަމްޕޫރު (ޖުލައި 15) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މަގާމުން ދުރުކުރުމަށް ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދު އާ ޕާޓީއެއް އުފައްދަވަން ނިންމަވައިފި އެވެ.
"ސޭވް މެލޭޝިއާ" ކެމްޕޭނުގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވީ އާ ޕާޓީން މަސައްކަތް ކުރާނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ކަމަށެވެ. ސޭވް މެލޭޝިއާ ކެމްޕޭނުގައި ބައިވެރި ވަނީ ނަޖީބާ އިދިކޮޅު ސިޔާސީ ފަރާތްތަކާއި އެނޫން ވެސް މެލޭޝިއާގެ އިސް ބައެއް މީހުންނެވެ. މަހާތިރު ވިދާޅުވީ އާ ޕާޓީގެ ޕްލެޓްފޯމުން ނަޖީބާ ދެކޮޅު އެންމެންނަށް ފުރުސަތު ދޭނެ ކަމަށެވެ.
މަހާތިރާ އެކު ވަނީ ވެރިކަންކުރާ އުމްނޯގެ ކުރީގެ އިސް ބައެއް ފަރާތްތައް ވެސް ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ނައިބް ރައީސް ޝާފީ އަޕްދާލް ވެސް ހިމެނެ އެވެ.
އަލަށް އުފައްދާ ޕާޓީގެ ލީޑަރުކަން ކުރައްވާނެތޯ ސުވާލު ކުރުމުން އުމުރުން 91 އަހަރުގެ މަހާތިރު ވިދާޅުވީ ޕާޓީ ހިންގާނީ އެހެން މީހުން ކަމަށާއި އިންތިޚާބެއްގައި ވެސް ދެން ވާދަ ނުކުރައްވާނެ ކަމަށެވެ. އާ ޕާޓީ ލީޑު ކުރައްވާނެ ކަމަށް ބެލެވެނީ ވެރިކަން ކުރާ ޕާޓީން ދާދި ފަހުން ވަކިކުރި މަހާތިރުގެ ދަރިކަލުން އަދި ކެދާހު ސްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރު މުޚްރިޒް މަހާތިރާއި ބޮޑު ވަޒީރުގެ ކުރީގެ ނައިބު މުހިއްދީން ޔާސިން އެވެ. މި ދެ ބޭފުޅުން ޕާޓީން ވަކިކުރީ ނަޖީބު ހިންގަވާފައިވާ ކޮރަޕްޝަނާ ގުޅިގެން ފާޅުގައި ފާޑުކިޔަން ފެށުމުންނެވެ. މަހާތިރު ވަނީ ފެބްރުއަރީ މަހު ވެރިކަންކުރާ ޕާޓީން ވަކިވެ ވަޑައިގެން ނަޖީބަށް ޕްރެޝަރު ކުރައްވަން ފައްޓަވައިފަ އެވެ. އޭގެ ފަހުން މާޗު މަހު ވަނީ ސޭވް މެލޭޝިއާ ކެމްޕޭން ފައްޓަވައިފަ އެވެ.
މަހާތިރު ވިދާޅުވީ އިިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން އެއްގަލަކަށް އަރައިގެން ނޫނީ ކާމިޔާބު ނުލިބޭނެ ކަމަށެވެ. އާ ޕާޓީއެއް މަހާތިރު މި އުފައްދަވަނީ އިދިކޮޅު ފަރާތްތަކުގައި މެދުގައި ބައިބައިވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޖީބުގެ އިސްތިއުފާ އަށް ގޮވާލާ އަޑުތައް އިތުރުވެފައި ވަނީ މެލޭޝިއާގެ އިންވެސްޓްމެންޓް ބޭންކަކުން ނަޖީބުގެ އަމިއްލަ އެކައުންޓަކަށް 681 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއް ފަޅާ އެރުމުންނެވެ. ނަޖީބުގެ ވަފާތެރިން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައި ވަނީ އެއީ ސައުދީ އަރަބިއާ އިން ދިން ހަދިޔާއެއް ކަމަށެވެ.