އިސްލާމްއާބާދު (ފެބްރުއަރީ 18) - ކުރި ކުށަށް މައާފް ދިނުން ހައްގު ނުވާ ކަމަށް ޕާކިސްތާނުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ޒައިނަބް އަންސާރީ މަރާލި ގާތިލް އިމްރާން އަލީ ކޯޓުގައި ބުނެފި އެވެ.

އުމުރުން 24 އަހަރުގެ އިމްރާން ކުށަށް އިއުތިރާފް ވުމުން ވަނީ މަރުގެ ހަތަރު އަދަބު އެންޓި-ޓެރަރިޒަމް ކޯޓް (އޭޓީސީ) އިން އިއްޔެ އިއްވައިފަ އެވެ. ސަލާމަތީ ސަބަބުތަކަށްކައި އިމްރާނުގެ ހުކުމް އިއްވި ޝަރީއަތް ބޭއްވީ ކޮޓް ލަކްޕަތު ޖަލުގަ އެވެ. އިމްރާނުގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ. ހުކުމް އިސްތިއުނާފް ކުރުމަށް އޭނާ އަށް 15 ދުވަހުގެ މުހުލަތު ލިބޭނެ އެވެ.

ކުށަށް އިއުތިރާފް ވަމުން އިމްރާން ބުނީ ގާނޫނީ އެހީތެރިކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އޭނާ އެހެން ބުނުމާ އެކު ވަކީލް ވަނީ އެ މައްސަލަ ދޫކޮށްލައިފަ އެވެ. އިމްރާން ބުނީ އޭނާ ހިންގި ޖަރީމާ އަށް ބަލާއިރު ކޮންމެ އަދަބެއް ދިން ނަމަވެސް އެ ވާނީ ކުޑަ އަދަބަކަށް ކަމަށެވެ.

މެޑިކަލް ރިޕޯޓްތަކުން ދެއްކި ގޮތުގައި ޒައިނަބް އަންސާނީ މަރާލާފައި ވަނީ އޭނާ ރޭޕް ކުރުމަށް ފަހު އެވެ.

އިމްރާންގެ މައްޗަށް ވަނީ ލާހޯރުގެ ދެކުނުން އޮންނަ ކަސޫރު ސިޓީގެ އެހެން ބައެއް ކުދިން ރޭޕްކޮށް މެރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ. އަލީގެ މައްޗަށް ތުހުމަތުކުރި އެހެން ދައުވާތަކުގެ ޝަރީއަތް ފަހުން ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުގެ ވަކީލް ވިދާޅުވި އެވެ.

އިމްރާން ހައްޔަރު ކުރީ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.

މިއީ ޕާކިސްތާނުގެ ތާރީޚުގައި ވެސް މިހާ ބޮޑު މައްސަލައެއް ހަތަރު ދުވަހުން ނިންމާލި ފުރަތަމަ ފަހަރެވެ. ޝަރީއަތް ވަނީ ކޮންމެ ދުވަހަކު ވެސް 13 ގަޑިއިރަށް ކުރިއަށް ގެންގޮސްފަ އެވެ.

ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ ޖެނުއަރީ 9 ވަނަ ދުވަހު އެވެ. ނައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ޒައިނަބުގެ ގާތިލް ހޯދުމުގައި ފުލުހުން އިހުމާލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.