ރޭޕް ކުރުމުގެ ޖަރީމާ ހިންގާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، ރޭޕްގެ ގާނޫނެއް ހެދުމުގެ މަސައްކަތް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް އެބަދެ އެވެ.
ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި އޮތް، ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމުގެ ބިލް 2021، އިއްޔެ ވަނީ، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ ލޯ އެންޑް ޖަސްޓިސް ކޮމިޓީން ފާސްކޮށްފަ އެވެ. މި ބިލް ގާނޫނަކަށް ވުމުން، ރޭޕްގެ މައްސަލަތަކުގެ ޝަރީއަތްތައް ހިންގުމަށް ހާއްސަ ކޯޓުތަކުގެ އުފައްދާނެ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނޭޝަނަލް އެސެމްބްލީ އިން މި ބިލް އެންމެ ފުރަތަމަ ފާސްކުރީ މިއަހަރުގެ ޖޫން 10 ވަނަ ދުވަހު އެވެ. އެއަށް ފަހު ސެނެޓަށް ފޮނުވީ، އެންމެ ފަހުގެ ގޮތް ނިންމުމަށެވެ. ސެނެޓްގެ ކޮމިޓީން ބިލް ފާސްކުރުމާ އެކު، ދެން ބިލާ މެދު ގޮތެއް ނިންމާނީ މުޅި ސެނެޓްގެ ޖަލްސާއެއްގައި ވޯޓު ނަގައިގެންނެވެ. ސެނެޓުން ބިލް ފާސްކުރުމުން ގާނޫނަކަށް ވާނީ، ރައީސް ތަސްދީގު ކުރެއްވުމުންނެވެ.
މިބިލްގައި ބުނާ މިންގަނޑުން، މީހެއްގެ މައްޗަށް ރޭޕްގެ ކުށެއް ސާބިތުވެއްޖެ ނަމަ، އެމީހާ ކުރި ކުށުގެ ދަރަޖަ އަށް ބަލައި މަރުގެ އަދަބު ދެވިދާނެ އެވެ. ނުވަތަ އުމުރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ. އަދި ކެމިކަލްގެ އެހީގައި އެމީހެއްގެ އުރަވަޅީގެ ބާރުކަނޑުވައިލެވޭނެ އެވެ.
އޭގެ އިތުރުން ރޭޕްގެ މައްސަލަތައް ތަހުގީގުކުރާ އޮފިސަރަކު، ތުހުމަތުކުރެވޭ މީހާގެ މަސްލަހަތަށް ފައިދާވާ ގޮތަށް ތަހުގީގުގައި ފަރުވާ ކުޑަކޮށްފި ނަމަ، ނުވަތަ މައްސަލައިގެ މިސްރާބު ބަދަލުކޮށްލަން ނުވަތަ އޮޅުވައިލަން މަސައްކަތް ކުރިކަން ސާބިތުވެއްޖެ ނަމަ، ތަހުގީގުކުރި އޮފިސަރަށް ވެސް އަދަބު ކަނޑައަޅާފައިވެ އެވެ.
ޕާކިސްތާނުގައި އިތުރުވަމުން ދާ ރޭޕްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތަކުގެ ޝަރީއަތް އަވަސްކުރުމުގެ ރިއާސީ އަމުރެއް، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ ވަނީ ނެރުއްވައިފަ އެވެ. އަދި އެފަދަ ކުށްތައް ސާބިތުވާ މީހުންނަށް އުރަވަޅީގެ ބާރު ކަނޑުވައިލުމުގެ އަދަބު ދިނުން ވެސް، ރިއާސީ އެ އަމުރުގައިވަނީ ހިމަނުއްވައިފަ އެވެ.
ރިއާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރޭޕްގެ މައްސަލަތަކާއި ޖިންސީ ކުށްތަކުގެ މައްސަލަތަކުގެ ޝަރީއަތް އަވަސްކުރުމަށްޓަކައި، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ހާއްސަ ކޯޓުތަކެއް އުފައްދާނެ އެވެ. އެ ކޯޓުތަކަށް ހުށަހެޅޭ ޖިންސީ ކުށުގެ މައްސަލަތަކާއި ރޭޕްގެ މައްސަލަތަކުގެ ޝަރީއަތް ހަތަރު މަސް ތެރޭގައި ނިންމަންޖެހޭނެ އެވެ.