ލާހޯރު (މާޗް 20) - ޕާކިސްތާނުގައި ރޭޕްކުރުމަށް ފަހު ވަރަށް އަނިޔާކޮށް މަރާލި ކުޑަ އަންހެން ކުއްޖާ ޒައިބް އަންސާރީގެ ގާތިލް އިމްރާން އަލީގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބުގެ އިސްތިއުނާފް ލާހޯރުގެ ހައި ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އިމްރާންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ލާހޯރު ހައި ކޯޓުގެ ބެންޗުން ބުނެފައި ވަނީ އިމްރާނުގެ މައްޗަށް ސާބިތުކޮށްފައިވާ ހެކިތަކަށް ބަލާ އެ މައްސަލައިން އޭނާ ސަލާމަތް ނުވެވޭނެ ކަމަށެވެ.

އިމްރާނުގެ ވަކީލުން ކޯޓުގައި ބުނެފައި ވަނީ ހަގީގީ ގާތިލަކީ އިމްރާން ނޫން ކަމަށާއި އިމްރާނުގެ މައްޗަށް ޝަރީއަތް ކުރި ކޯޓުން ހުކުމް އިއްވާފައި ވަނީ ވަރަށް އަވަސް އަރުވާލައިގެން ކަމަށެވެ. އެކަމަކު ފަނޑިޔާރުން ބުނެފައި ވަނީ ޑީއެންއޭ އަށް ޓެސްޓްކުރި 1،187 މީހުންގެ ތެރޭން ދިމާވެފައި ވަނީ އިމާރާންގެ ޑީއެންއޭ ސާމްޕަލް އެކަނި ކަމަށެވެ. އެހެންވެ ހަމައެކަނި ކުށްވެރިއަކީ އިމްރާން ކަމަށް ފަނޑިޔާރުން ބުނެފައިވެ އެވެ. ވަކީލުންގެ ވާހަކަތައް އަޑުއެހުމަށް ފަހު ލާހޯރު ހައި ކޯޓުގެ ފަނޑިޔާރުން ނިންމީ އިމްރާނުގެ އިސްތިއުނާފް ބަލައިނުގަނެ އެންޓި-ޓެރަރިޒަމް ކޯޓު (އޭޓީސީ) ގެ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުން އިސްތިއުނާފް ބަލައިނުގަތް ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އިމްރާނަށް ލިބޭނެ އެވެ.

އިމްރާނުގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ.

ޒައިނަބުގެ ގާތިލަކީ އިމްރާން އަލީކަން ޔަގީންވާ ވަރަށް ހެކި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޒައިނަބް މަރާލާފައި އޮތް ތަނުން ފެނުނު ފޮރެންސިކް ހެކި އިމްރާނުގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކުށްތަކަށް އިމްރާން އެއްބަސްވުމުން އޭނާގެ ވަކީލް ވަނީ މައްސަލަތައް ދޫކޮށްލައިފަ އެވެ.

ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ ޖެނުއަރީ 9 ވަނަ ދުވަހު އެވެ.