ލާހޯރު (އޮކްޓޯބަރު 16) - ޕާކިސްތާނުގައި ރޭޕްކުރުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ކުޑަ އަންހެން ކުއްޖާ ޒައިނަބް އަންސާރީގެ ގާތިލް އިމްރާން އަލީ އާއްމުން ތެރޭ ދަންޖައްސައި މަރަން ޒައިނަބުގެ ބައްޕަ ބޭނުންވި ނަމަވެސް ލާހޯރު ހައި ކޯޓުން އެކަމާ ދެކޮޅު ހަދައިފި އެވެ.

ޒައިނަބުގެ ބައްޕަ އަންސާރީ ކޯޓަށް ޕެޓިޝަން ހުށަހެޅުމަށް ފަހު ބުނެފައި ވަނީ އާއްމުން ތެރޭ އިމްރާން ދަންޖައްސަން ބޭނުން ވަނީ ޖިންސީ ޝިކާރައަކަށްވުމުން އެހެން ކުދިން ވެސް ސަލާމަތް ކުރުމަށް ކަމަށެވެ.

ލާހޯރުގެ ކޮޓް ލަކްޕަޓް ޖަލުގައި އިމްރާން ޖައްސަން ހަމަޖައްސާފައި ވަނީ މާދަމާ އެވެ.

ޕެޓިޝަނާ ދެކޮޅަށް ކޯޓުގައި ވާހަކަ ދެއްކި ވަކީލް ބުނެފައި ވަނީ އާއްމު ތަންތަނުގައި މަރުގެ އަދަބު ތަންފީޒް ކުރުން ސުޕްރީމް ކޯޓުގެ ނިންމުމަކުން މަނާކޮށްފައިވާ ކަމަށެވެ.

ޒައިނަބުގެ ގާތިލް އިމްރާންގެ މައްޗަށް ފެބްރުއަރީ 17 ވަނަ ދުވަހު މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ. ކުށަށް އިއުތިރާފް ވަމުން އިމްރާން ކޯޓުގައި ބުނެފައި ވަނީ ގާނޫނީ އެހީތެރިކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އިމްރާން ބުނީ އޭނާ ހިންގި ޖަރީމާ އަށް ބަލާއިރު ކޮންމެ އަދަބެއް ދިން ނަމަވެސް އެ ވާނީ ކުޑަ އަދަބަކަށް ކަމަށެވެ.

ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހު އެވެ. ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ޒައިނަބުގެ ގާތިލް ހޯދުމުގައި ފުލުހުން އިހުމާލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ ޒައިނަބު ގެއްލިގެން ހޯދި ފަސް ދުވަސް ތެރޭ ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރި ނަމަ އެ ކުއްޖާ ދިރިހުއްޓާ ފެނުނީސް ކަމަށެވެ. ޒައިނަބް ވަގަށް ނެގި އިރު އޭނާގެ މައިން ބަފައިން ވަނީ އުމްރާގެ އަޅުކަމަށް މައްކާ އަށް ގޮހެވެ. ޒައިނަބުގެ ގާތިލް އިމްރާން ހައްޔަރު ކުރީ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.