ލާހޯރު (އޮކްޓޯބަރު 17) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ހަ އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލް އިމްރާން އަލީ ދަންޖައްސައި މިއަދު ހެނދުނު މަރާލައިފި އެވެ.
ފުލުހުން ބުނީ އިމްރާން ދަންޖައްސާފައި ވަނީ ލާހޯރުގެ ކޮޓް ލަކްޕަޓް ޖަލުގައި ކަމަށެވެ. އިމްރާން ދަންޖެއްސީ ޒައިނަބުގެ ބައްޕަ އާއި އެ އާއިލާގެ އެހެން ބައެއް މީހުންގެ ހާޒިރުގަ އެވެ.
ޒައިނަބުގެ ބައްޕަ ބޭނުންވީ އާއްމުން ތެރޭ އިމްރާން ދަންޖައްސާށެވެ. ނަމަވެސް ލާހޯރު ހައި ކޯޓުން ވަނީ އެ ހުއްދަ ދޭން ދެކޮޅު ހަދައިފަ އެވެ.
ޒައިނަބުގެ ގާތިލް އިމްރާންގެ މައްޗަށް ފެބްރުއަރީ 17 ވަނަ ދުވަހު މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ. ކުށަށް އިއުތިރާފް ވަމުން އިމްރާން ކޯޓުގައި ބުނެފައި ވަނީ ގާނޫނީ އެހީތެރިކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އިމްރާން ބުނީ އޭނާ ހިންގި ޖަރީމާ އަށް ބަލާއިރު ކޮންމެ އަދަބެއް ދިން ނަމަވެސް އެ ވާނީ ކުޑަ އަދަބަކަށް ކަމަށެވެ.
ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހު އެވެ. ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ޒައިނަބުގެ ގާތިލް ހޯދުމުގައި ފުލުހުން އިހުމާލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.