ލާހޯރު (އޮކްޓޯބަރު 14) - ޕާކިސްތާނުގައި ރޭޕްކުރުމަށް ފަހު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ކުޑަ އަންހެން ކުއްޖާ ޒައިބް އަންސާރީގެ ގާތިލް އިމްރާން އަލީ ދަންޖައްސައި މަރަން ބޭނުން ވަނީ އާއްމުންނަށް ފެންނަ ގޮތަށް ކަމަށް ޒައިނަބުގެ ބައްޕަ އަންސާރީ ބުނެފި އެވެ.
އިމްރާން ދަންޖައްސަން ހަމަޖައްސާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. އޭނާ ދަންޖައްސާނީ ކޮޓް ލަކްޕަޓް ޖަލުގަ އެވެ. ނަމަވެސް އަންސާރީ ވަނީ އާއްމުން ތެރޭ ގާތިލް ދަންޖެއްސުމަށް އެދި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެއީ މިފަދަ ބޮޑެތި ކުށް ކުރާ އެހެން މީހުންނަށް އިބްރަތަކަށް ވުމަށް ކަމަށް އަންސާރީ ވަނީ ބުނެފަ އެވެ.
ޕެޓިޝަން ހުށަހެޅުމަށް ފަހު ކޯޓު ބޭރުގައި ވާހަކަ ދައްކަމުން އަންސާރީ ބުނީ އިމްރާން އަލީ އާއްމުންް ތެރޭ ދަންޖެއްސުމަށް އެދި އާއްމު ރައްޔިތުން ވެސް އަޑު އުފުލަން ޖެހޭނެ ކަމަށެވެ.
އިމްރާނަށް ހުކުމް އިއްވި ދުވަހު ޒައިނަބުގެ މަންމަ ނުސްރާ ބީވީ ވެސް ބުނެފައި ވަނީ ގާތިލަށް މަރުގެ އަދަބު ދޭން ބޭނުން ވަނީ ޒައިނަބު މަރާލި ތަނުގައި އާއްމުންނަށް ފެންނަ ގޮތަށް ކަމަށެވެ.
ޒައިނަބުގެ ގާތިލް އިމްރާންގެ މައްޗަށް ފެބްރުއަރީ 17 ވަނަ ދުވަހު މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ. ކުށަށް އިއުތިރާފް ވަމުން އިމްރާން ކޯޓުގައި ބުނެފައި ވަނީ ގާނޫނީ އެހީތެރިކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އިމްރާން ބުނީ އޭނާ ހިންގި ޖަރީމާ އަށް ބަލާއިރު ކޮންމެ އަދަބެއް ދިން ނަމަވެސް އެ ވާނީ ކުޑަ އަދަބަކަށް ކަމަށެވެ.
ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހު އެވެ. ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ޒައިނަބުގެ ގާތިލް ހޯދުމުގައި ފުލުހުން އިހުމާލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.
ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ ޒައިނަބު ގެއްލިގެން ހޯދި ފަސް ދުވަސް ތެރޭ ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރި ނަމަ އެ ކުއްޖާ ދިރިހުއްޓާ ފެނުނީސް ކަމަށެވެ. ޒައިނަބް ވަގަށް ނެގި އިރު އޭނާގެ މައިން ބަފައިން ވަނީ އުމްރާގެ އަޅުކަމަށް މައްކާ އަށް ގޮހެވެ. ޒައިނަބުގެ ގާތިލް އިމްރާން ހައްޔަރު ކުރީ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.