ދެކުނުގެ ބަހުގެ ހިދުމަތް އިފުތިތާހުކޮށްފި، ހަފުތާއަކަށް ހިލޭ ދަތުރު ކުރެވޭނެ

އައްޑު އާއި ފުވައްމުލަކުގެ ބަސް ދަތުރުގެ ހިދުމަތް މިރޭ އިފުތިތާހުކޮށް، މާދަމާ އިން ފެށިގެން ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ބަހުގެ ހިދުމަތް އާންމުންނަށް ހިލޭ ލިބޭނެ ކަން ނައިބު ރައީސް އަބްދުﷲ ޖިހާދު މި ރޭ އިއުލާން ކުރައްވައިފި އެވެ.


ބަހުގެ ހިދުމަތް އިފުތިހާހު ކުރަން މިރޭ ފޭދޫ ބަނދަރު ސަރަހައްދު ހިއްކި ބިމުގައި ބޭއްވި ޖަލްސާގައި ޖިހާދު ވިދާޅުވީ ހަފުތާއެއްގެ މުއްދަތަށް ރައްޔިތުންނަށް ހިލޭ ހިދުމަތް ދޭން ނިންމެވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި މިއީ އީދު ހަދިޔާއެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ އައްޑު އާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފެށުމަކީ ރައީސް ޔާމީންގެ ވައުދެއް ހަގީގަތަކަށްވުން ކަމަށާއި މިކަމުގެ ސަބަބުން އެތައް ފައިދާއެއް ލިބިގެން ދާނެ ކަމަށެވެ.

މަގާމާ ހަވާލުވެ ވަޑައިގެން ފަހުން ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ޖިހާދު ވިދާޅުވީ ރައީސް ޔާމީނަކީ ވައުދުވެވަޑައިގެން، އެ ވައުދުތައް ފުއްދަވާ ރައީސެއް ކަމަށެވެ. އަދި ސަރުކާރަށް މިވީ ދެ އަހަރާއި ބައިގެ ތެރޭގައި ތަރައްގީގެ އެތައް މަޝްރޫއެއް ކުރިއަށް ގެންދެވި ކަމަށާއި މިހާރު ވެސް އެތައް މަޝްރޫއެއް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް ރާވާފައި ހުރި ކަންކަމުގެ ތެރެއިން ގިނަ އަދަދަކަށް ޓޫރިސްޓް އެނދު ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.

އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފުތިތާހު ކުރުމުގެ ޖަލްސާގައި ނައިބް ރައީސް ވާހަކަ ދައްކަވަނީ. ފޮޓޯ: އަސުރުމާ

އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު މިރޭ ވިދާޅުވީ އެމްޕީއެލުން މަސައްކަތް ކުރާނީ ހިދުމަތް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ކަމަށެވެ.

އެގޮތުން އައްޑޫގައި 100 އެނދުގެ ސިޓީ ހޮޓަލެއް އެމްޕީއެލުން ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ އައްޑު އާއި ފުވައްމުލަކަށް ބަހުގެ ހިދުމަތް ދޭން 13 ބަސް ގެނެސްފައިވާ އިރު، ފުވައްމުލަކުގައި ހިދުމަތް ދޭނީ ދެ ބަހުގައި ކަމަށެވެ. ދެން ހުރި ބަސްތައް ބޭނުން ކުރާނީ އައްޑޫގަ އެވެ. މިއީ ޒަމާނީ ބަސް ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަސް ދަތުރު ފެށުމާ އެކު ވަޒީފާގެ އެތައް ފުރުސަތުތަކެއް އަންނާނެ ކަމަށެވެ. އެހެންވެ މީގެ ބޭނުން ހިފުމަށް ޖުނައިދު ވަނީ ޒުވާނުންނަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތަށް ބޭނުން ކުރާ އުޅަނދުފަހަރަކީ އިންޖިނިއަރިން މަސައްކަތްތައް ބޭނުންވާނެ އެއްޗިއްސަށް ވާތީ އެ ދާއިރާ އިން ޒުވާނުން ރާއްޖޭން ބޭރުން ތަމްރީނު ވެސް ކުރާނެ ކަމަށެވެ.

އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފުތިތާހު ކުރުމުގެ ޖަލްސާގައި އެޕްޕީއެލްގެ ސީއީއޯ ޖުނައިދު ވާހަކަ ދައްކަވަނީ. ފޮޓޯ: އަސުރުމާ

ކަނޑުދަތުރުގެ ހިދުމަތް ވެސް ރަނގަޅު ކުރުމުގެ ގޮތުން ވަރަށް އަވަހަށް އައްޑު އާއި ފުވައްމުލަކާ ދޭތެރޭ އޭސީ ފެރީއަކާއި މުދާ އުފުލާ ފެރީއެއް ވެސް ތައާރަފު ކުރާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމީދޫން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދަތުރު ކުރާ މީހުންނަށް ސައިކަލް ފަދަ ވެހިކަލް އުފުލޭނެ ކަހަލަ ގޮތްތަކެއް ވެސް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ.