މަހްލޫފުގެ މައްސަލާގައި ވޯކިން ގްރޫޕްގެ ނިންމުމަށް އަމަލުކުރިތޯ ސާފުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލަށްލި މައްސަލާގައި އދ. ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމާ އެއްގޮތަށް ސަރުކާރުން އަމަލު ކުރިތޯ ސާފުކޮށްދޭން ވޯކިން ގްރޫޕުން އެދިއްޖެ އެވެ.


ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެގެން މަހްލޫފްގެ މައްޗަށް މަހުގެ ޖަލު ހުކުމެއް އައި މައްސަލާގައި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިދިޔަ އަހަރުގެ ޖޫން މަހު ނިންމާފައިވަނީ މަހްލޫފް ޖަލަށްލީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށެވެ. އެހެންވެ ވަގުތުން ދޫކޮށްލައި، އެކަމުގެ ބަދަލު އޭނާއަށް ދޭންޖެހޭނެ ކަމަށް އެ ގްރޫޕުން ނިންމި އެވެ. ވޯކިން ގްރޫޕުން އެގޮތަށް ނިންމިޔަސް، އޭނާ މިނިވަންކުރީ ހުކުމުގެ މުއްދަތު ހަމަވުމުންނެވެ.

މަހްލޫފްގެ ވަކީލް އަހުމަދު ނާޒިމަށް ވޯކިން ގްރޫޕްގެ ސެކެޓްރީ ޖެނެރަލް އިއްޔެ ފޮނުއްވާފައިވާ ސިޓީގައި އެދިފައިވަނީ ވޯކިން ގްރޫޕާ ގުޅިގެން މައިގަނޑު ފަސް ކަމެއް ސާފުކޮށް ދިނުމަށެވެ. އެގޮތުން މަހްލޫފް މިނިވަންކުރި ތާރީޚާއި ގެއްލުމުގެ ބަދަލު މަހްލޫފަށް ދީފައިވޭތޯ އާއި މަހްލޫފްގެ ހައްގުތަކަށް އަރައިގަތް ކަމަށް ބުނާ މައްސަލާގައި އެއްވެސް ތަހުގީގެއް ހިންގިތޯ ސާފުކޮށް ދިނުމަށެވެ.

މީގެ އިތުރުން ވޯކިން ގްރޫޕްގެ ނިންމުމާ އެއްގޮތަށް، ގާނޫނުތަކަށް އެއްވެސް ބަދަލެއް ގެނައިތޯ އާއި އެ ގްރޫޕްގެ ނިންމުން ތަންފީޒު ކުރަން އެއްވެސް މަސައްކަތެއް ކުރިތޯ ސާފު ކޮށްދޭން އެ ސިޓީގައި އެދިފައިވެ އެވެ. އެ މައުލޫމާތުތައް ސާފުކުރަން ބޭނުންވަނީ ވޯކިން ގްރޫޕްގެ ނިންމުމަށް އަމަލު ކުރަމުންދާ މިންވަރާ މެދު އދ. ގެ އިންސާނީ ހައްްގުތަކާ ބެހޭ ކައުންސިލާ މައުލޫމާތު ހިއްސާކުރަން ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

މަހްލޫފްގެ މައްްސަލާގައި ވޯކިން ގްރޫޕްގެ ނިންމުމަށް އަމަލު ކުރިތޯ އެ ގްރޫޕުން ސާފު ކުރަން އެދުނުއިރު ވޯކިން ގްރޫޕުން އޭގެކުރިން ނިންމި އެއްވެސް ނިންމުމެއް ވެސް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަންޖެހޭ ކަމަށް އެ ގްރޫޕުން ކުރިން ނިންމި ނިންމުމާ ގުޅިގެން ވެސް ސަރުކާރުން ބުނެފައިވަނީ އެ ގްރޫޕްގެ ނިންމުމުންތަކަށް އަމަލު ކުރުން ލާޒިމްނުވާނެ ކަމަށެވެ.

މަހްލޫފް އިއްވެ ދެ ހުކުމުގެ ތެރެއިން ހަ މަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް މިދިޔަ އަހަރު ތާއީދުކުރި އެވެ. ބާކީ އޮތް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އިސްތިއުނާފެއް ނުކުރެ އެވެ.