ސަލާމަތީ މަޖިލީހުގެ ގޮނޑީގެ މައްސަލާގައި ޑރ. ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި މެމްބަރުން އިންތިޚާބު ކުރަން އިއްޔެ ނެގި ވޯޓުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިވުން ވެގެން ދިޔައީ ދިވެހި ސަރުކާރަށް އެތައް ފާޑު ކިޔުމެއް އަމާޒުވި ކަމަކަށެވެ. އދ. ގެ އެންމެ ބާރު ގަދަ އަދި ފަޚުރުވެރި ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ހޯދަން 10 އަހަރު ވަންދެން ރާއްޖެ އިން ކުރި މަސައްކަތް ނާކާމިޔާބުވީ އިދިކޮޅު ފަރާތްތަކުގެ ނަޒަރުގައި ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނެވެ.


ބައިނަލްއަގްވާމީ މުޖްތަމައުގެ ގޮވާލުންތަކާއި ނިންމުންތައް ސަރުކާރުން އަމަލު ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖޭގެ އަގު ވެއްޓިފައިވާ މިންވަރު ހާމަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. ބޮޑު އުއްމީދަކާ އެކު އޮތް ސަރުކާރަށް ކުރިމަތިވި އެ ނާކާމިޔާބީއާ ގުޅިގެން ސަރުކާރު މިހާތަނަށް ބުނެފައިވަނީ ދުނިޔޭގެ ސަލާމަތަށް މަސައްކަތް ކުރަން ކުދި ގައުމުތަކަށް ފުރުސަތު ނުލިބުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި ގޮނޑި ނާމިޔާބު ނުވިޔަސް، ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އިދިކޮޅު ހުރިހާ ބޭފުޅުންގެ ބަހުގެ ހަމަލާތައް ސަރުކާރަށް އަމާޒު ކުރަމުން ދިޔަޔަސް، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ ޚިޔާލު މިކަމުގައި ވަރަށް ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ރާއްޖެ އަށް ލިބުނު ނަމަ އެއީ ރާއްޖެ އަށް ކުރިމަތިވާނެ ބަދުނަސީބެކެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ދުނިޔޭގައި އެތައް މައްސަލައެއް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެ ގޮނޑި ރާއް ޖެއަށް ލިބުނު ނަމަ، ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ރާއްޖެ އިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"ވޯޓަކުން ބަލިވުމަށް ވުރެ ބޮޑު ބަދުނަސީބަކުން އަހަރުމެން މިވަނީ ސަލާމަތްވެފައި،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރު ކަން ކުރެއްވި ޝަހީދު ރޭ ކުރެއްވި ޓްވީޓްގައި ވެ އެވެ.

ޝަހީދުގެ ޓްވީޓް

ޝަހީދު ކުރެއްވި އިތުރު ޓްވީޓެއްގައިވާ ގޮތުން، ވޯޓުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިވުމަކީ ރައީސް އަބްދުﷲ ޔާމީން ނުވަތަ މި ސަރުކާރުގެ ކުށެއް ވެސް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގައި ގޯހީ ސަލާމަތީ މަޖިލީހުގެ މި ދައުރުގެ މެމްބަރު ކަމަށް ކުރިމަތިލާން 2008 ގައި އޭރުގެ ރައީސް މައުމޫންގެ ސަރުކާރުން ނިންމި ނިންމުމެވެ. އަދި އެފަދަ ޒިންމާދާރުކަން ކުޑަ ނިންމުމެއް ނިންމީ ކީއްވެގެންތޯ އޭރުގެ ވެރިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ޑރ. ޝަހީދު ވިދާޅުވެފައި ވެ އެވެ.

އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވީ، މިހާރު އިދިކޮޅު އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރައްވާ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ.

"މި ބައްޔާ ގުޅިގެން ރައީސް ޔާމީން ކުށްވެރި ކުރާކަށް އަޅުގަނޑުމެން ނުޖެހޭ. އެހެން މީހަކު ރައީސް ކަމުގައި ހުއްޓަސް ނިކުންނާނީ ހަމަ މި ނަތީޖާ،" އދ. ގެ ޚާއްސަ ރެޕަޓުއާއެއްގެ މަގާމުގައި ހުންނެވި ޝަހީދު ކުރެއްވި ޓްވީޓްގައިވެ އެވެ.

ޝަހީދުގެ ޓްވީޓް

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަށް ރާއްޖެ އިން ހުށަހެޅިއިރު 2008 ގައި ފޮރިން މިނިސްޓަރަކަށް ހުންނެވި ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ހުށަހެޅުން ހުށަހެޅުއްވުމަކީ އޭނާ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި އިއްޔެގެ ވޯޓުގައި ރާއްޖެ އަށް 46 ވޯޓު ލިބުމަކީ ބައިނަލްއަގްވާމީ ދުނިޔޭގައި މި ސަރުކާރުން ރާއްޖެ ގެންގޮސްފައިވާ ދަރަޖަ ވަރަށް ރަނގަޅެއް އެނގޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމުތަކުގެ މެދުގައި އެންމެ ވާދަވެރިކަން ބޮޑު ސަލާމަތީ މަޖިލީހަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އޭގެ ތެރެއިން ތިބޭ 10 މެމްބަރުންނަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ދެ އަހަރުގެ މުއްދަތަކަށް އިންތިޚާބުކުރާ މެމްބަރުންނެވެ. ބާކީ ތިބޭ ފަސް މެމްބަރުންނަކީ ދާއިމީ މެމްބަރުންނެވެ. ދާއިމީ މެެމްބަރުންނަކީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާގެ އިތުރުން އިނގިރޭސިވިލާތް އަދި ފްރާންސެވެ.

ސަލާމަތީ މަޖިލީހަކީ ގައުމުތަކާ ދެކޮޅަށް އިގްތިސާދީ ނުވަތަ އަސްކަރީ ފިޔަވަޅުތައް އެޅުމާއި ދުނިޔޭގެ ސުލްހައާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު އޮންނަ އދ. ގެ ހަމައެކަނި ގުނަވަނެވެ. އެ މަޖިލީހުގައި ވޯޓު ދިނުމާއި ބަސް ބުނުމުގެ ހައްގު އެ މަޖިލީހުގައި ހިމެނޭ ވަގުތީ މެމްބަރުންނަށް ވެސް އޮންނާނެ އެވެ. އެކަމަކު އެ މަޖިލީހަށް ހުށަހެޅޭ ގަރާރުތައް ވީޓޯކޮށް، ބޭރުކޮށްލުމުގެ ބާރެއް ވަގުތީ މެމްބަރުންނަކަށް ނުލިބޭނެ އެވެ. ވީޓޯ ބާރަކީ ހަމައެކަނި ދާއިމީ ފަސް މެމްބަރުންނަށް އޮންނަ ބާރެކެވެ.