ގަމުގެ ދޫގަހުގައި 120 ކޮޓަރި ތަރައްގީކޮށް އަލުން ހުޅުވަނީ، ފުރަތަމަ ފިޔަވަހީގައި 40 ކޮޓަރި

އައްޑޫ ގަމުގައި އެތައް އަހަރެއް ކުރިން ފެށިގެން ދޫގަހުގެ ނަމުގައި ހިންގަމުން އައި ގެސްޓް ހައުސް އަލުން ތަރަައްގީކޮށް 120 ކޮޓަރިއާ އެކު ހުޅުވަން ނިންމައި، ޑިވެލޮޕްމަންޓް ކޮންސެޕްޓް ޑިޒައިން މިރޭ ލޯންޗްކޮށްފި އެވެ.


ދޫގަސް ތަރައްގީކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ އައްޑު އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެވެ. އެ ކުންފުންޏާ އެތަން ހަވާލުކުރީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ތަންތަނުގެ ލިސްޓްގެ ތެރެއަށް ދޫގަސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިތުރުކޮށް، އިކްއިޒިޝަން ފީގެ ގޮތުގައި 312،500 ޑޮލަރު އަންދާޒާކޮށްފަ އެވެ.

ދޫގަހުގެ ޑިވެލޮޕްމަންޓް ކޮންސެޕްޓް ލޯންޗް ކުރަން ދޫގަހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ދޫގަސް މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ 40 ކޮޓަރިއާ އެކު، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ބާކީ 80 ކޮޓަރީ ތަރައްގީ ކުރާނީ ދެވަނަ ފިޔަވަހީގަ އެވެ.

އަބްދުއްރައްޒާގް ވިދާޅުވީ ދޫގަސް ހިނގައިގަތުމުން އައްޑޫން އަނެއްކާ ވެސް އިތުރު 300 އެއްހާ ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށާއި އެއީ އައްޑޫގެ ތަރައްގީ އަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ.

"އެމްޕީއެލްއަކީ އަބަދު ވެސް އަޅުގަނޑުމެމް ހަވާލުވާ މަސައްކަތެއް ވިއްޔާ އެކަން ވަރަށް ފުރިހަމަކޮށް ނިންމާމެ ބައެއް. ހަމަ އެގޮތަށް ދޫގަސް މަޝްރޫއު ވެސް ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެމްޕީއެލްއާ ދޫގަސް ހަވާލުކުރީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. ޒަމީރު ވަނީ 2016 ވަނަ އަހަރު އެމްޕީއެލްއާ ދޫގަސް ހަވާލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދޫގަހުގެ ކޮންސެޕްޓް ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އަލީ މޫސާ

ސައީދު ވިދާޅުވީ އެމްޕީއެލުން ދޫގަސް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާނީ ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ނިންމަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި އެކަން އަންނަ ހަފުތާގައި ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގި ދޫގަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގައި އެމްވީކޭއާ ހަވާލު ކުރި އެވެ. އެއީ ދެކުނު ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލު ކުރުމާ އެކު، ސަބްސިޑީއެއްގެ ގޮތުގައި 50 އަހަރަށެވެ.

ނަމަވެސް އެމްވީކޭއާ ހަވާލުކޮށްގެން ދޫގަސް އޮތީ ހިންގޭ ގޮތް ނުވެފަ އެވެ. އެހެންވެ މި ސަރުކާރުން އެމްވީކޭ އަތުން ދޫގަސް ނެގީ 2015 ގަ އެވެ. އަދި އެމްވީކޭ އިން އޭރު، ދޫގަސް ރަހުނުކޮށް ބޭންކް އޮފް ސިލޯނުން ނެގި ލޯނެއްގެ މައްސަލަ ވެސް ކޯޓުގައި ހިނގައި، މައްސަލަ ފަހުން ހައްލުކުރީ ސަރުކާރުން މަޝްވަރާކޮށްގެންނެވެ.

އެމްވީކޭއާ ދޫގަސް ހަވާލު ކުރުމުން އެ ކުންފުނިން ވަނީ އެތަނުގެ ނަން ގޭން ރިޓްރީޓް އައިލެންޑް (ޖީއައިއާރް) އަށް ބަދަލުކޮށް، ތަނުގެ ޑިޒައިނަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ. އަދި ފަހުން އެމްވީކޭ އިން 2014 ގައި އެތަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އަށް ވެސް ދިނެވެ. ކުޑަ ދުވަސްކޮޅަކަށް އެ ކުންފުނިން އެތަން ހިންގީ ނަން "ޖޭ ޕެލަސް" ގެ ނަމުގަ އެވެ.