2 މިލިއަން ޑޮލަރުގެ ލޯނަކާ ގުޅިގެން ދޫގަސްއާ މެދު ވަގުތީ އަމުރަކަށް ބޭންކް އޮފް ސިލޯނުން އެދެފި

ދެ މިލިއަން ޑޮލަރުގެ ލޯނަކަށް ދޫގަސް ރަހުނު ކޮށްފައި ވާތީ، އެތަން އެހެން ބަޔަކަށް ދިނުން ހުއްޓުވުމުގެ އަމުރަކަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.


އައްޑޫ ގަމުގައި ހުންނަ ދޫގަސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. ދޫގަސް ހިންގުން އެމްޕީއެލްއާ ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމާފައި ވަނިކޮށް އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ބީއޯސީން ކޯޓުގައި އެދުނީ ދޫގަސް ކުރިން ހިންގި އެމްވީކޭގެ ފަރާތުން ދޫގަސް ރަހުނުކޮށް ބީއޯސީން ނަގާފައިވާ ލޯނަކާ ގުޅިގެންނެވެ.

ބީއޯސީން އަމުރު ނެރެދޭން އެދިފައިވަނީ އެމްވީކޭގެ ފަރާތުން ދޫގަސް ހިންގިއިރު އެތަން ރަހުނުކޮށް ނަގާފައިވާ 2.7 މިލިއަން ޑޮލަރު ނުދައްކައިގެން އެމްވީކޭއާ ދެކޮޅަށް ބީއޯސީން ކުރާ ދައުވާގަ އެވެ.

ބީއޯސީން ބުނެފައިވަނީ ލޯނު ނުދައްކައިގެން އެމްވީކޭއާ ދެކޮޅަށް އެ ބޭންކުން ކުރާ ދައުވާ ނުނިމެނީސް، ރަހުނުކޮށްފައިވާ ދޫގަސް އެހެން ބަޔަކަށް ދީފި ނަމަ އެ ބޭންކަށް ބޮޑެތި ގެއްލުންތައް ލިބި، ބޭންކުގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެ.

އެހެންވެ ބީއޯސީން އެދެނީ އެމްވީކޭއާ ދެކޮޅަށް ކުރާ ދައުވާގެ މައްސަލަ ނިމުމުގެ ކުރިން ދޫގަސް އެހެން ބަޔަކަށް ނުދޭން އަމުރުކޮށް ދިނުމަށެވެ.

ސަރުކާރުން ނިންމާފައިވަނީ ދޫގަސް ހިންގުން އެމްޕީއެލްއާ ހަވާލުކޮށްގެން އެތަން ތަރައްގީ ކުރާށެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިދިޔަ މަހުގެ 21 ގައި ވިދާޅުވެފައި ވަނީ ދޫގަހުގައި އޮޕަރޭޝަންތައް ފެށުމުގެ ހުއްދަ އެ ކުންފުންޏަށް ދޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި ދޫގަސް، އެމްޕީއެލްއާ ހަވާލުކުރާތާ ދެ މަސް ތެރޭގައި އެތަނަށް ޓޫރިސްޓުން ގެންދަން ފަށާނެ ކަމަށް ވެސް ޖުނައިދު ވިދާޅުވެފައިވެ އެވެ.

ޖުނައިދު ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށްވެ، ދޫގަސް އޮޕަރޭޝަނަށް އަންނައިރު 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އެއީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އިތުރުވާނެ ބޮޅެއްގެ ގޮތުގައި ޖުނައިދު ސިފަކުރެއްވި އެވެ.