ތައިލެންޑުގައި އުފައްދާ ސިމެންތި ބަންދުކޮށްފައި ހުންނަ ގޯނި ބޭނުންކޮށްގެން އުފައްދާފައިވާ ދަބަސްތަކަކަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. އެއްބަޔަކު މިއަށް ޖޯކު ޖަހަމުން ގެންދާއިރު އަނެއް ބަޔަކު ބުނަނީ މި ދަބަސް އުފެއްދި ސްވިސް ކުންފުނިން ކޮޕީރައިޓާ ޚިލާފުވެފައިވާ ކަމަށެވެ.

މި ދަަބަސްތަކަކީ އިޓަލީގެ ލެދަރު އެއްކޮށްގެން "އެލެފްބޯ" ކިޔާ ސުވިސް ކުންފުންޔަކުން ތައްޔާރުކުރާ ޕްރޮޑަކްޓުތަކެކެވެ. މި ކުންފުންޏަކީ "ސަސްޓެއިނަބަލް ފެޝަން" ކުރިއެރުވުމަށް ތަޖުރިބާ ހުރި ބައެކެވެ. "އެލެފްބޯ" އަކީ އެކި ގައުމުތަކުން ކުންޏަށް އުކާލާ ތަކެތި އެއްކޮށްގެން، ފެންވަރު ރަނގަޅު ތަކެތި އުފައްދައި ޔޫރަޕްގެ މޯލްތަކުގައި ވިއްކާ ބައެކެވެ.

ސޯޝަލް މީޑިއާގައި ދަބަހުގެ ފޮޓޯތައް ދައުރުވަމުން އަންނައިރު މި ކުންފުނިންވަނީ ކެންބޯޑިއާއިން ބޭރުކުރާ ބައެއް ކުނިތައް ރިސައިކަލް ކޮށްގެން ބޫޓާއި ތޮފި އަދި ޖެކެޓު ވެސް އުފައްދާފަ އެވެ. ޒާރާ ބްރޭންޑުގެ މުންޑު ސްކާޓާއި ބެލެންސިއާގާގެ ރެއިންބޯ ކުލައިގެ ޝޮޕިން ދަބަހުގެ ވާހަކަތަކަށް ވުރެ ހޫނުކޮށް މި ސިމެންތި ހޭންޑް ބޭގުގެ ވާހަކަތައް ދައްކާނެކަމަށް ބުނެއެވެ. އަދި ބައެއް މީޑިއާތަކުން މި ދަބަސްތަކަށް "ލަގްޒަރީ ގާބޭޖް" ގެ ނަަންދީފައިވެ އެވެ.

ފެޝަނަށް ލޯބިކުރާ މީހުން އުޅޭ މި ރާއްޖެއިން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މީގެ ދަބަސްތައް ފެނިދާނެ އެވެ.