އަނެއްކާވެސް މިއޮތީ އާ ޓްރެންޑެއް އައިސްފައެވެ. އެހެން ހުރިހާ ފަހަރުތަކާ ހިލާފަށް މި ސްޓައިލް ދިވެހިންނާ ހަމައަށް އައީ ބޭރުގެ ފެޝަން ބްލޮގަރުންނާއި ސެލެބްރިޓީންގެ މެދުގަައި މި ޓްރެންޑުގެ ކުޅިގަނޑު އަދި ނުނިމި އުޅެނިކޮށެވެ.
މީގެ "ސްޓްރޯ" ނުވަތަ "ރަޓަން" ދަބަސް ލިބެން ހުންނަނީ އެކި ކުލަތަކާއި އެކި ކަހަލަ ޖިއޮމެޓްރިކް ބައްޓަންތަކަށެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މެދުގައި މަގުބޫލުވެފައި ވަނީ ވަށްކޮށް އަދި ހަތަރެސްކަނަށް މުށި ކުލައިގައި ހުންނަ ދަބަސްތަކެވެ. އެއް އިރެއްގައި މިކަހަލަ ދަބަސްތައް ހަމަ އެކަނި ބީޗް ތީމްތަކާ ގުޅުވައިގެން ބޭނުންކުރި އެވެ. އަދި ބައެއް ގައުމުތަކުގައި މި ސްޓައިލް ހިނގާފައިވަނީ މުއްސަނދި އަންހެނުންގެ މެދުގަ އެވެ.
ނަމަވެސް މި އަހަރު ފެށުމާ މި ދަބަސްތަކަށް އާ ދިރުމެއް ލިބުނެވެ. ކޮފީއަކަށް، ޕާޓީ އަކަށް ނުވަތަ ޑިނާ ޑޭޓަކަށް ދާން ވިޔަސް މި ދަބަހަކީ މިހާރު އެންމެ ހިޓު އެއް ސްޓައިލެވެ.
އަންހެން ކުދިންގެ މެދުގައި މި ދަބަހަށް އޮތް ލޯބި އެންމެ ބޮޑަށް ފެންނަނީ އިންސްޓަގްރާމު ބަލައިލުމުންނެވެ. ބީޗްގައި ސެލްފީއެއް ނެގިޔަސް މީގެ ދަބަހެއް ފޮޓޯއަށް އަރުވާލުން ވަނީ މުހިންމު ކަމަކަށެވެ. ކޮފީ މޭޒުގައި ނަގާ ފޮޓޯ ވެސް ރީތިވަނީ މި ސްޓައިލްގެ ދަބަހެއް ފެންނަން އޮތުމުންނެވެ.
ސޯޝަލް މީޑިއާގައި ވިޔަފާރިކުރާ ޕޭޖުތަކުން ވެސް މީގެ ދަބަސް ގަންނަން ނުލިބޭ ތަނެއް މަދެވެ.