ރޮހިންޖާ ފަންޑުގެ ފައިސާ ވަރަށް އަވަހަށް ހަވާލު ކުރާނަން: އިސްލާމިކް މިނިސްޓްރީ

ރޮހިންޖާ މީހުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބަންގްލަދޭޝް ރެޑް ކްރެސެންޓާ ވީހާވެސް އަވަހަކަަށް ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ރޭ ބުނެފި އެވެ.


ރޭ ދަންވަރު އެ މިނިސްޓްރީން، އެ ފަންޑާ ބެހޭ ގޮތުން ނޫސް ބަޔާނެއް ނެރުނީ، ރޮހިންޖާ ފަންޑަށް ވީ ގޮތެއް ނޭނގުނު ކަމަށް ބުނެ، "މިހާރު"ގައި ހަބަރެއް ޖަހާފައި ވަނިކޮށެވެ. އެ ހަބަރު ލިއުމުގެ ކުރިން އެތައް ފަހަރަކު އެކަމާ ބެހޭ ގޮތުން މިނިސްޓްރީއަށް ގުޅާފައިވެ އެވެ. އެކަމަކު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.

މިދިޔަ ނޮވެމްބަރު ފުރަތަމަ ހަފުތާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިިރު ވިދާޅުވެފައި ވަނީ އެ ފައިސާ ހަފުތާއެއްގެ ތެރޭގައި ބަންގްލަދޭޝްގެ ރެޑް ކްރެސެންޓާ ހަވާލުކުރާނެ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެ ފައިސާ ބަންގްލަދޭޝްއަށް ފޮނުވަން ކުރަން ޖެހޭ އިދާރީ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެފައިސާ ހަވާލުނުކޮށް ލަސްވާ ސަބަބެއް މިނިސްޓްރީގެ ބަޔާނުގައި ނެތެވެ. އެކަމަކު ފަންޑަށް ފައިސާ ހަދިޔާކުރި ބައެއް ފަރާތްތަކުގެ އަތުން ފައިސާ ހޯދަން ދިގު މުއްދަތެއް ހޭދަވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ އެހީގެ ހައްގުވެރިންނާ ފައިސާ ހަވާލުކޮށް އެކަން ޔަގީން ވެސް ކުރާނެ ކަމަށެވެ.

ރޮހިންޖާ ފަންޑަށް ލިބުނު ފައިސާ ބަންގްލަދޭޝްގެ ރެޑް ކްރެސެންޓާ ހަވާލުކުރި ކަމުގެ މައުލޫމާތު ލިބިފައިވޭތޯ ބެލުމަށް މިދިޔަ ހަފުތާގައި ފޮރިން މިނިސްޓްރީއާ ގުޅުމުން އެ މިނިސްޓްރީން ބުނީ އެހީގެ ފައިސާ ފޮނުވިކަން ނޭނގޭ ކަމަށާއި، ޔަގީނުން ވެސް އެ މިނިސްޓްރީ މެދުވެރިކޮށް އެފަދަ މުއާމަލާތެއް ބަންގްލަދޭޝްއާ ކޮށްފައިނުވާ ކަމަށެވެ.

އެކަމަކު އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެފަދަ ރަސްމީ މައުލޫމާތެއް ފޮރިން މިނިސްޓްރީން ދީފައިނުވާނެ ކަމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވާން ރާއްޖެ ޓީވީ ވަކިން ފަންޑު ފޮއްޓެއް ހުޅުވި އެވެ. ދިވެހި ރެޑް ކްރެސެންޓާއި ބައެއް ކައުންސިލްތަކާއި އާންމުން އެ ފަންޑަށް ދިން 500،000 އަށް ވުރެ ގިނަ ޑޮލަރު ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ހަރަކާތުގައި އުޅޭ ރެޑް ކްރެސެންޓާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.