ޗެނަލް 13 އިން ގާސިމްގެ އަބުރާ ބެހޭ ކަމަށް ބުނެ ޖޭޕީން ބްރޯޑްކޮމް އަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަބުރަށް ހުތުރުވާ ގޮތަށް ޗެނަލް 13 އިން ޕްރޮގްރާމްތައް ގެނެސްދޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.


ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ސޮއިކުރައްވައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް އިއްޔެ ފޮނުވި ސިޓީގައިވަނީ ގާސިމްގެ އަބުރަށް ހުތުރުވާ ގޮތަށް ހަގީގަތާ ޚިލާފް ޕްރޮގްރާމްތައް ޗެނަލް 13 އިން ދައްކަމުންދާ ކަމަށާއި އެކަމާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު ނާޅާތީ ހިތާމަ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން "ގާސިމްގެ އަނދިރި ފަރާތް" ގެ ނަމުގައި މިރޭ ވެސް އެފަދަ ޕްރޮގްރާމެއް ދައްކާނެ ކަމަށް ބުނެ އެ ޗެނަލުން އިސްތިހާރު ކުރަމުންދާ ކަމަށާއި އެކަމަކީ ބްރޯޑްކާސްޓް ކުރުމުގެ އާންމު މިންގަނޑުތަކާ ޚިލާފް ކަމެއް ކަމަށްވާތީ އެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އެ ސިޓީ އިއްޔެ ފޮނުވި ފަހުން، އެ ޗެނަލުން އެ ޕްރޮގްރާމް މިރޭ ދެއްކި އެވެ.

ގާސިމް އަބުރާ ބެހެމުންދާ ކަމަށް ބުނެ ޗެނަލް 13 ގެ މައްސަލައެއް ޖުމްހޫރީ ޕާޓީން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅިއިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅާ ބެހުނު މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން ބޮޑު އަދަދުން ރާއްޖެ ޓީވީ ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އަދި ދާދިފަހުން ވީޓީވީ އާއި ވީއެފްއެމް ވެސް ވަނީ އެފަދަ މައްސަލައެއްގައި ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.