ކޮރަޕްޝަންގެ އެންމެ ގިނަ ތުހުމަތު މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްޓްރީ އަށް

ކޮރަޕްޝަނުގެ ތުހުމަތު މިދިޔަ އަހަރު އެންމެ ބޮޑަށް އަމާޒުވި މިނިސްޓްރީ އަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި މިއަދު ބުނެފި އެވެ.


އޭސީސީން އާއްމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް މިދިޔަ އަހަރު ކޮރަޕްޝަނުގެ 112 މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އަދި މިނިސްޓްރީތަކުގެ ތެރެއިން އެންމެ ގިނައިން ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވަނީ ވެސް އެ މިނިސްޓްރީ އަށް ކަމަށް ރިޕޯޓުގައި ވެ އެވެ.

ކޮރަޕްޝަނުގެ އެކި ތުހުމަތުތަކުގައި މިދިޔަ އަހަރު އޭސީސީ އަށް 750 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން 68 މައްސަލައެއް ތަކުރާރުކޮށް ހުށަހަޅާފައި ވެ އެވެ.

މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ ރަށްރަށުގެ ކައުންސިލްތަކާ ދެކޮޅަށެވެ. އެގޮތުން ކައުންސިލްތަކާ ދެކޮޅަށް 324 މައްސަލައެއް ހުށަހަޅާފައިވާއިރު، ދެން އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ދެކޮޅަށެވެ.

މިނިސްޓްރީތަކުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީ ފިޔަވައި ދެން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ހެލްތު މިނިސްޓްރީއާ ދެކޮޅަށެވެ. އެތަނާ ދެކޮޅަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީއާ ބަލާއިރު 50 ޕަސެންޓް މަދު މައްސަލަ އެވެ.

އޭސީސީ އަށް މިދިޔަ އަހަރު ރިޕޯޓް ކުރި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިއުމެންޓާ ގުޅުން ހުރި މައްސަލަތަކެވެ. ދެން ވަޒީފާއާ ގުޅުން ހުރި މައްސަލަތަކެވެ.

އޭސީސީން އަމިއްލަ އަށް އިސް ނަގައިގެން 135 މައްސަލައެއް މިދިޔަ އަހަރު ވަނީ ބަލަން ފަށައިފަ އެވެ. އެކަމަކު 2016 ވަނަ އަހަރު ނިމުނު އިރު ވެސް، ނުނިމި ހުރި މައްސަލަތަކުގެ އަދަދު 2،310 އަށް އަރާތީ އެ ހުރިހާ މައްސަލަތަކެއް އެ ކޮމިޝަނަށް ނިންމިފައެއް ނުވެ އެވެ.

އެހެންވެ، މިދިޔަ އަހަރު ނިމުނު އިރު އޭސީސީ އަށް ބަލާ ނިންމިފައިވަނީ 1،326 މައްސަލަ އެވެ.

އޭސީސީން ބުނީ އެ ކޮމިޝަނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 120 މައްސަލައެއް ބޭރުކޮށްލާފައިވާ ކަމަށެވެ. އެއީ މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް މައުލޫމާތު ނެތުމާއި މައްސަލަ ހުށަހެޅީ ކޮން ފަރާތަކުންކަން ނޭނގޭތީ އިތުރު މައުލޫމާތު ސާފު ނުކުރެވިގެން ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.