އޭސީސީގެ އެންގުންތަކަށް ތަބާނުވުމުގެ ކުރީގައި އެޑިއުކޭޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުންތަކަށް އަމަލު ކުރުމުގައި އެންމެ ފަހަތުގައި އުޅެނީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށް އެ ކޮމިޝަނުން އިއްޔެ ނެރުނު ދިރާސާ ރިޕޯޓްގައި ބުނެފި އެވެ. އެ ދިރާސާ ހަދާފައިވަނީ 2017 ވަނަ އަހަރު 10 މިނިސްޓްރީއަކަށް އޭސީސީން އެންގި އެންގުތަކާ ގުޅިގެން އެ މިނިސްޓްރީތަކުން އަމަލުކޮށްފައިވާ ގޮތަށް ބެލުމަށް ފަހުގަ އެވެ. އެގޮތުން ދިރާސާގައި ބަލާލާފައިވަނީ 73 މައްސަލައަކާ ގުޅޭގޮތުން އެންގި އެންގުންތަކަށެވެ. ދިރާސާގައި އޭސީސީން ސުވާލުކުރި 10 މިނިސްޓްރީގެ ތެރެއިން ހެލްތު މިނިސްޓްރީ ފިޔަވައި އެހެން ހުރިހާ މިނިސްޓްރީއަކުން ވެސް ވަނީ ކޮމިޝަނަށް ޖަވާބު ދީފަ އެވެ. ހެލްތު މިނިސްޓްރީ އަށް އަށް އެންގުމެއް އެންގި ނަމަވެސް ޖަބާވު ދީފައެއް ނުވެ އެވެ. ރިޕޯޓްގައި ބުނެފައިވާގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ އަށް އިސްލާހު ކުރުމަށް އެންގި 22 އެންގުމުގެ ތެރެއިން އިސްލާހުކޮށްފައި ވަނީ 11 ކަންތަކެވެ. އަދި 11 އެންގުމެއް އިސްލާހު ކޮށްފައެއް ނުވެ އެވެ. ހައުސިން މިނިސްޓްރީ އަށް އިސްލާހު ކުރުމަށް އެންގި 11 އެންގުމުގެ ތެރެއިން އަމަލުކޮށްފައިވަނީ ހަތް ކަމަކަށެވެ. ހަތަރު އެންގުމަކަށް އަމަލު ކޮށްފައެއް ނުވެ އެވެ. ފިނޭންސް މިނިސްޓްރީއަށް 11 އެންގުމެއް އެންގިއިރު އިސްލާހު ކޮށްފައި ވަނީ ދެ އެންގުމެކެވެ. ހަ އެންގުމެއް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ތިން އެންގުމަކަށް އަމަލުކޮށްފައެއް ނުވެ އެވެ.


އެންގުމަށް އަމަލު ކޮށްފައިވާ ގޮތާ ގުޅޭގޮތުން އޭސީސީން އެކުލަވާލާފައިވާ ތާވަލް--

އެންގި ހުރިހާ އެންގުމެއް އިސްލާހުކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީންނެވެ. އެ މިނިސްޓްރީ އަށް އޭސީސީން އެންގި ހަ އެންގުމަށް ވަނީ އަމަލުކޮށްފަ އެވެ. އިސްލާމިކް މިނިސްޓްރީއަށް ހަތް ކަމެއް އިސްލާހު ކުރުމަށް އެންގިއިރު އޭގެ ތެރެއިން ފަސް ކަމެއް ވަނީ އިސްލާހު ކޮށްފަ އެވެ. އަދި ދެ ކަމެއް އިސްލާހު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ކޮމިޝަނުގެ 48 ޕަސެންޓް އެންގުމަށް މިނިސްޓްރީތަކުން ވަނީ އަމަލުކޮށްފަ އެވެ. އަދި 10 ޕަސެންޓް އެންގުމަށް އަމަލު ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. ހަތާވީސް ޕަސެންޓްގެ އެންގުމަށް ވަނީ އަމަލުނުކޮށެވެ. އޭސީސީގެ ރިޕޯޓްގައި ބުނެފައިވަނީ މައްސަލަތައް ތަހުގީގު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އެ ކޮމިޝަނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. "ކޮމިޝަނުން ހޯދުމަށް އެދޭ މައުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވައިނުދިނުމާއި އަދި މައުލޫމާތު ހޯދުމަށް ފޮނުވާ ސިޓީއަށް ޖަވާބުނުދޭ މައްސަލަ ފާހަގަ ކުރެވިފައިވޭ،" ރިޕޯޓްގައި ބުނެފައިވެ އެވެ. ދިރާސާގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކަށް އަމަލު ނުކުރުން ހިމެނެ އެވެ. ހާއްސަކޮށް އަތޮޅު ތެރޭ ރަށްރަށުގައި ހިންގާ އެކި އޮފީސްތަކުގައި އެކަން ބޮޑު ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެކަށީގެންވާ ގޮތެއްގައި ލިޔެކިޔުމުގެ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ގޮތަށް އަމަލު ކުރަން އެންގުމުން އެއާ ހިލާފަށް އަމަލު ކުރުމާއި ދައުލަތަށް ގެއްލުންވުމުން އެ ކަމާ ޒިންމާވާ ފަރާތް ހޯދުމަށް އެންގުމުން އެކަން ނުކުރާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. އެކަމުން ހާމަވަނީ އޭސީސީގެ އެންގުންތަކަށް މާބޮޑު ފަރުވާލެއް ބައެއް މިނިސްޓްރީތަކުން ނުދޭކަން ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. އޭސީސީން އަންގާ އެންގުންތަކަށް އަމަލު ކުރޭތޯ ބެލުމަށް ރަނގަޅު ނިޒާމެއް ގާއިމުކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ގާނޫނުތަކާއި ގަވައިދުތައް އިސްލާހު ކުރުމަށް ދިރާސާގެ އެހީގައި އޭސީސީން ވަނީ ލަފާދީފަ އެވެ. އޭގެ ތެރޭގައި މާލިއްޔަތު ގަވައިދުގައި ހުރި ކަންކަން ހިމެނެ އެވެ. އޭސީސީން ވަނީ 2016 ވަނަ އަހަރު އެކި އިދާރާތަކަށް 332 ކަމެއް އިސްލާހު ކުރުމަށް އަންގާފަ އެވެ. އަދި 2017 ވަނަ އަހަރު 356 ކަމެއް އިސްލާހު ކުރުމަށް ވަނީ އަންގާފަ އެވެ.