ކިއޭވް (މާޗް 19) - މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 އަށް މިސައިލް ހަމަލާދީ 2014 ވަނަ އަހަރު ވައްޓާލި ކަމަށް ރަޝިޔާ އިން ބުނާ ޔުކްރޭނުގެ ޕައިލެޓް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްސްޓެޑަމުން ކުއާލަ ލަމްޕޫރަށް ދަތުރުކުރި ބޯއިން 777ގެ ބޯޓަށް ވައިގެ ތެރޭގައި ދިން މިސައިލް ހަމަލާގައި ބޯޓު ގޮވާ އެ ބޯޓުން ދަތުރުކުރި 298 މީހުން ވަނީ މަރުވެފަ އެވެ. ބޯޓު ވައްޓާލާފައި ވަނީ އިރުމަތީ ޔޫކްރޭނުގައި ރަޝިޔާގެ މަދަދު ލިބޭ ހަނގުރާމަވެރިން ތިބޭ ސަރަހައްދަކަށެވެ. ރަޝިޔާގެ ތުހުމަތު ޔުކްރޭނުގެ ޕައިލެޓް ލަޑީސްލާވް ވޮލޮޝީން، 29، ދޮގުކޮށްފައިވެ އެވެ. ހޮލެންޑުގެ ތަހުގީގު ކުރާ ފަރާތްތަކުގެ ރިޕޯޓުގައި ބުނެފައި ވަނީ އެމްއެޗް17 ވައްޓާލާފައި ވަނީ ރަޝިޔާގައި އުފައްދާ މިސައިލަކުން ހަމަލާދީފައި ކަމަށެވެ.
އަމިއްލަ އަށް ފިސްތޯލައަކުން ހަމަލާދީ ޕައިލެޓް ވޮލޮޝީން މަރުވެފައި އޮއްވާ ފެނިފައި ވަނީ ކަޅު ކަނޑާ ކައިރީގައި އޮންނަ އޭނާ ދިރިއުޅޭ މީކޮލަޔޭވްގައި ހުންނަ ގޭގަ އެވެ. ޔުކްރޭނުން ސިފަކޮށްފައިވާ ގޮތުގައި އޭނާ އަކީ ހަނގުރާމައިގެ ބަތަލެކެވެ. ވޮލޮޝީން ވަނީ އެސްޔޫ-25 ހަނގުރާމަ މަތީ ބޯޓުގައި 33 ކޮމްބެޓް ދަތުރުކޮށްފަ އެވެ. ދާދި ފަހުން ވޮލޮޝީން އަށް ވަނީ މީކޮލަޔޭވްގެ އެއާޕޯޓް ހިންގަން ހަވާލުކޮށްފަ އެވެ.