މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވަމުންދާތީ، ދުވާލުގެ ވަގުތުތަކުގައި މާލެ ތެރޭގައި އުޅަނދުފަހަރުގައި މުދާ އުފުލުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކޮށްފި އެވެ.
އެ އޮތޯރިޓީން މިއަދު ކުރި އިއުލާނުގައި ވަނީ ފިހާރަތަކާއި އާއްމު ތަންތަނަށް ލޮރީ އާއި ޕިކަޕް އަދި ވޭން ފަދަ އުޅަނދުތަކުގައި މުދާ އުފުލަން ވަކި ގަޑިތަކެއް އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަނޑަޅައިފަ އެވެ. ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ މުދަލާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި ބޯ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫން ވެސް އެފަދަ ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 ން ހެނދުނު 6:00 އާ ދެމެދު ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އޮތޯރިޓީން ހަމަޖެއްސި އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރު ކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 ން ހެނދުނު 6:00 އާ ދެމެދު އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅަކު ވިދާޅުވީ މިހާރު ހަމަޖައްސާފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ލޮރީ، ޕިކަޕް އަދި ވޭން ފަދަ އުޅަނދުތަކުގައި ގަނޑުކޮށް މުދާ ނުފުއްލޭނެ ކަމަށެވެ. އަދި ފެރީތަކަށް ވެސް ގަނޑުކޮށް މުދާ ގެންދަން ޖެހޭނީ އެ ގަޑިތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އުސޫލަށް އަމަލުކުރަން ފެށި ނަމަވެސް ޕިކަޕެއްގައި ފޮށިގަނޑެއް ގެންދެވިދާނެ. އެކަމަކު ޑެލިވަރީކުރާ އުސޫލުން އެއް ތަނުން އަނެއް ތަނަށް ބަހަމުން މުދާ ނުއުފުއްލޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ޓްރާންސްޕޯޓުން ބުނީ އެ ނޫން ގޮތަކަށް އަމަލުކުރާ ވިޔަފާރިތަކާއި ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.