މާލޭގެ ޓްރެފިކް ފްލޯ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިން އިއްޔެ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގައި ބޭއްވެވި އެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އަދި ނޭޝަަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަޑައިގެންނެވި އެވެ. އޭގެ އިތުރުން ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
އެކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ކަމާ ބެހޭ އިދާރާތަކުގެ އިސް އޮފިޝަލުން ބައްދަލުކުރައްވައި ޓްރެފިކްގެ މައްސަލަ ހައްލުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައ މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން މާލެ/ހުޅުމާލެ ބަސްތައް މަޑުކުރާނެ އިތުރު ބަސް ސްޓޮޕްތައް އިތުރުކުރުމާއި މާލޭގައި މުދާ އަރުވައި ބާލާ ސަރަހައްދުތައް ކަނޑައެޅުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެ ކަންކަމުގެ އިތުރުން ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް މަދުކުރެވޭނެ ގޮތްތަކާއި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، މި ސަރުކާރުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެ އިދާރާ އިން ކުރާނެ ކަންތައްތައް ތަންފީޒުކޮށްފަ އެވެ. އެއީ ޓެކްސީ ބޯޑުން ފީ ނެގުން ހުއްޓާލުމާއި މަގުމަތީގައި ބަހައްޓާފައިވާ ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ އިތުރުން ދައުލަތުގެ ބޭނުމަށް ހާއްސަކޮށްފައިވާ ފަޅުތަކުގެ ތެރެއިން މި ވަގުތު ދޫކުރެވެން ހުރި ތަންތަން ދޫކުރުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން މި މަހު ވަނީ "ޖަޒީރާ ހޮޅުއަށި" ނަމުގައި އާއްމުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވައިފަ އެވެ. މާލޭގެ މަގުތަކަށް ހާއްސަކޮށްގެން ބޭއްވި އެ ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ، މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދިފަ އެވެ.