މާލެ އާއި ހުޅުމާލެ ގުޅުވައިދިން ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ބްރިޖުން ފީ ނަގަން އެ ސަރުކާރުން ޕްލޭނެއް ހަދައި ޓޮލް ނިޒާމެއް ގާއިމުކުރަން އުޅުނީ މަރާމާތަށް ބޮޑު ޚަރަދެއް ހިނގާނެތީ އެވެ. ޗައިނާގެ ސީސީސީސީން ހެދި ބްރިޖު ހިލޭ މަރާމާތުކުރާ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމީ ދެ އަހަރަށެވެ. އެކަމަކު މި މުއްދަތު، ފަސް އަހަރަށް އިތުރުކޮށްފައިވާ ކަމަށާއި އަންނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ބްރިޖުގެ މަރާމާތަށް ހިނގާނެ ޚަރަދު ހިމަނާފައި ނުވަނީ އެހެންވެ ކަމަށް ފިނޭންސް މިނިސްޓްރީއާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ، ބްރިޖުން ފީ ނުނެގުމުގެ ވިސްނުން ގެންގުޅެނީ، ފަސޭހަ އިން ދަތުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް އޮންނަން ޖެހޭ ކަމަށް މި ސަރުކާރުން ގަބޫލުކުރާތީ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފީއެއް ނަގާކަށް،" ނަހުލާ ވިދާޅުވި އެވެ.
ފީއެއް ނުނަގައި، ބްރިޖުގެ ދަތުރުތައް ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ނުވާތީ، ފީ ނެގުމަށް ޔާމީންގެ ސަރުކާރުގައި މަޝްވަރާތައް ކުރީ ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެންނެވެ.
ބްރިޖުގެ ޓޮލް ނިޒާމު ގާއިމްކުރަން އޭރު ވިސްނާފައި އޮތީ ބްރިޖް މަތިން ވެހިކަލްތައް ދަތުރުކުރާއިރު، ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން އޭރު ބުންޏެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.