އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން ގަރާޖް ސިޓީއާއެކު ހުށަހަޅަންޖެހޭ ގަރާޖު ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖު ޖާގައެއް އޮތުން ލާޒިމު ނަމަވެސް އިދާރީ ގޮތުން ގަރާޖާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް އާންމުންނަށް ފަސޭހަ ކުރުމުގެ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

ގަރާޖާ ގުޅިގެން މިހާތަނަށް ތިން ލިޔުމެއް ހުށަހަޅަން އޮތީ ލާޒިމުކޮށްފަ އެވެ. އެއީ

- މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ (އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ).

- މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ (ވެހިކަލް ގަރާޖު ޕާމިޓް).

- ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން.

މިހާތަނަށް އެ ތިން ލިޔުން ހުށަހަޅަން ޖެހޭ ގޮތަށް އޮތް ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން ކަމަށް އެ އިއުލާނުގައިވެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި އެ ބަދަލު ގެނެސްފައިވަނީ ގަރާޖާ ގުޅޭގޮތުން ވަކި ދެ އިދާރާއަކުން ދެ ހުއްދަ ނަގަންޖެހި އަދި އެއް ހިދުމަތެއް ފުރިހަމަ ކުރުމަށް ރައްޔިތުން ދެ ފަހަރަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ކުޑަކޮށް ފަސޭހަ ކުރުމަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ 2009 ވަނަ އަހަރުން ފެށިގެން ގަރާޖު ލާޒިމް ކުރުމުގެ ކުރިން ގެނެސްފައިވާ އުޅަނދުތަކާއި ވަކި ގަރާޖަކަށް ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލު ނުކުރެވޭތީ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިހާރު މާލެ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އެފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި ވެރިފަރާތް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުންޏެވެެ.

މިނިސްޓްރީން ބުނިގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތަކަށް ބަދަލު ގެނައި ނަމަވެސް މިހާރު ވެސް އަމަލު ކުރަމުންދާ ގޮތަށް ގަރާޖުގެ ވެރިފަރާތުގެ ރުހުން އޮތްތޯ ބެލުމާއި ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެ އެވެ.