ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް ދޫނިދޫން މާފުށީ ޖަލަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރި ފަހުން އޭނާއާ ބައްދަލުކުރުމުގެ ހުއްދައެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނުދިން ކަމަށް ބުނެ އާއިލާ އިން މިރޭ ކަންބޮޑުވުންފާޅުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ސިޔާދު ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެންނެވެ. ސިޔާދުގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ ސޮއިކޮށް، ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ގަތް މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ މައްސަލައިގަ އެވެ.

އާއިލާގެ ފަރާތުން ވަކީލުން އާއްމުކުރި މެސެޖެއްގައި ބުނީ މާފުށީގައި ސިޔާދު ބަންދުކޮށްފައި ވަނީ ކޮންތަނެއްގައި ކަމާއި އޭނާގެ ހާލަތު ނޭނގޭތީ ކަންބޮޑުވާ ކަމަށެވެ. އާއިލާގެ އިތުރުން ވަކީލުންނަށް ވެސް ސިޔާދާ ބައްދަލުކުރުމުގެ ފުރުސަތު އަދި ނުދެ އެވެ.

އާއިލާ އިން ބުނިގޮތުގައި ސިޔާދާ ބައްދަލުކުރަން އާއިލާ އާއި ވަކީލުން ކުރަމުން އަންނަ މަސައްކަތަށް ވެސް ކަރެކްޝަންސުން މިހާތަނަށް އެދެވޭ ޖަވާބެއް ނުދެ އެވެ.

"ސިޔާދު، ޝަރީއަތް ނިމެންދެން ކުރި ބަންދު އަމުރުގައި، ވިޔަފާރީގެ ބައްދަލުވުމުގެ ގޮތުގައި ކުންފުނީގެ ބޭފުޅުންނަށް ބައްދަލުވުން ހަމަޖައްސައިދިނުމަށް އަމުރުކޮށްފައިވާއިރު އެކަމާ ވެސް ކަރެކްޝަނުން ދަނީ ޚިލާފުވަމުން،" އާއިލާގެ މެސެޖުގައިވެ އެވެ.

ސިޔާދާ ބައްދަލުކުރަން ފުރުސަތު ނުދިން ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުންފާޅުކުރިއިރު، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން މާފުށީ ޖަލަށް ބަދަލުކުރުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން މިއަދު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށީ ޖަލަކީ، ޝަރީއަތް ނިމި ހުކުމް ކުރާ ކުށްވެރިން ބައިތިއްބަން ޚާއްސަ ޖަލެއް ކަން އިދިކޮޅު ޕާޓީތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ހުކުމުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހު އެކެއްގައި ނެރުނު އަމުރާ ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާއި ސިފައިންނާއި ފުލުހުންތަކެއްގެ އިތުރުން އާއްމުން ވެސް ހިމެނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، މީގެ ތެރެއިން ގިނަ ބަޔަކު ވަނީ ދޫކޮށްލައިފަ އެވެ.

އެކަމަކު މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި އަރީފްގެ އިތުރުން މަޖިލީހުގެ މެމްބަރުންތަކެއް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މީގެތެރެއިން ވެސް މައުމޫން ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވަނީ ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.