އިންވެސްޓްމަންޓް ކުންފުނީގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަންކޮށްފި

ރާއްޖެ އަންނަ އިންވެސްޓްމަންޓުތަކަށް ޚާއްސަ ކޮށްގެން ސަރުކާރުން އުފެއްދި ކުންފުނީގެ ބޯޑަށް ހަތަރު ބޭފުޅަކު މިއަދު އައްޔަން ކޮށްފި އެވެ.


ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަން ކުރެއްވީ، ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ގ. ކާނިހިޔާ، މުހައްމަދު ޖަލީލެވެ.

މި މަހުގެ ފަސް ވަނަ ދުވަހު އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ގުޅީފަޅު އިންވެސްޓްމަންޓް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މ. ސުހުރާ، އަބްދުﷲ ފަޒީލެވެ. އިންވެސްޓްމަންޓް ކުންފުންޏަށް ދެން އައްޔަންކުރެއްވި ދެ ޑިރެކްޓަރުންނަކީ، ހ. އޯސިސް ވިއުސް، ރުޝާހާ އަހުމަދު ޝަރީފާއި ގ. ގުލްބުލާވިލާ، އާމިނަތު ނަދާ ހުސެއިން އެވެ.

ރުޝާހާ އަކީ ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބޭފުޅެކެވެ. ނަދާ އަކީ، ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ރައީސް އޮފީހުގެ ފަރާތުން ކަނޑައަޅާފައިވާ ބޭފުޅެކެވެ.

އެ ހަތަރު ބޭފުޅުންގެ އިތުރުން ނޭޝަނަލް އިންވެސްޓްމަންޓު ކުންފުނީގެ އެޑްވައިޒަރީ ކޮމެޓީއެއް ވެސް ވަނީ އުފައްދައިފަ އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް އިކޮނޮމިކް ރިލޭޝަންސް މުހައްމަދު ލުވެއިޒެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން އިންވެސްޓްމަންޓް ކުންފުނި އުފެއްދެވީ އިގްތިސޯދަށް އަންނަ ބަދަލުތައް ދެނެގަނެ ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓުތައް ހިމާޔަތް ކުރުމަށެވެ. އަދި އިންވެސްޓްމަންޓުތަކުގެ ފައިދާ އިތުރު ކުރުމާއި ރާއްޖެ އަށް އިސްލާމިކް ފައިނޭންސާއި ފައިނޭންޝިއަލް ޕްރޮޑަކްޓްތައް އިތުރު ކުރުމަކީ ވެސް އެ ކުންފުނީގެ މަގުސަދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.