ކުންފުނިތަކަށް ވެރިން އައްޔަންކުރާކަށް އަދި ނާންގާ: ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އިސްތިއުފާ ދެއްވުމާއި މަގާމުން ވަކިކުރުމުން އެ މަގާމުތައް ހުސްވެފައިވާއިރު އެ މަގާމުތަކަށް އާ މީހުން އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ނާންގަވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނެފި އެވެ.


ކުންފުނިތަކުގެ ވެރިންނަށް މީހުން އައްޔަން ކުރައްވާނީ ރައީސް އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ ޒިންމާ އަކީ ރައީސް ހުށަހަޅުއްވާ ބޭފުޅުންގެ ޝަރުތު ހަމަވޭތޯ ބަލައި މަގާމު ހަވާލު ކުރެއްވުމެވެ.

ސަރުކާރު ހިއްސާވާ 29 ކުންފުނީގެ ތެރެއިން ގިނަ ކުންފުނިތަކެއްގެ ވެރިން ވަނީ ސަރުކާރު ބަދަލުވުމާއެކު އިސްތިއުފާ ދެއްވައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ވަނީ 11 ކުންފުންޏެއްގެ އިސްވެރިން މަގާމުން ވަކިކޮށްފަ އެވެ. އެހެންކަމުން މިހާރު ކުންފުނިތައް ހިންގަނީ ވަގުތީ ވެރިންނެވެ.

ކުންފުނިތަކަށް ވެރިން އައްޔަން ކުރުމާ ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އެފަދަ ކަމެއް ރައީސް އޮފީހުން އަދި އަންގަވާފައި ނުވާ ކަމަށެވެ. އަންގަވާނެ ވަކި ދުވަހެއް ވެސް އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަހަރެއްގައި އަންގަފާނެ މާދަމާ ވެސް. އަންގަވާނެ އިރެއް ނޭނގޭ. އަދި ނެތް އަންގަވާފައެއް،" ނިޒާރު ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު ވަކިކުރި ކުންފުނިތަކުގެ ވެރިންގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްހާރިސް އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރާއި އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނުން ވެސް ހިމެނެ އެވެ. ވަކިކުރި މީހުންގެ ތެރޭގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވެސް ހިމެނެ އެވެ. އިތުރު އެހެން ކުންފުނިތަކުގެ ބޯޑު މެމްބަރުން ވެސް ވަކިކޮށްފައި ވެ އެވެ.