ލަންޑަން (އެޕްރީލް 19) - ކޮމަންވެލްތުގެ އިސްވެރިއަކަށް ދަރިކަލުން ޕްރިންސް ޗާލްސް އައްޔަންކޮށްދެއްވުމަށް ގައުމުތަކުގެ ލީޑަރުންގެ ކިބައިން އިނގިރޭސި ރާނީ އެދިވަޑައިގެންފި އެވެ.
ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ސަމިޓް ލަންޑަނުގައި މިއަދު ފައްޓަވައިދެއްވަމުން ރާނީ ވިދާޅުވީ އެކަމަނާގެ "އިޚްލާސްތެރި އެދުމަކީ" އެކަމަނާ އަށް ފަހު ކޮމަންވެލްތުގެ އެންމެ އިސްވެރިއަކަށް "ކޮންމެވެސް ދުވަހަކުން" ޗާލްސް ހެއްދެވުން ކަމަށެވެ.
ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ވިރާސީ މަގާމެއް ނޫނެވެ. އެހެންވެ ރާނީ އަވަރާވި ނަމަވެސް ޗާލްސް އަށް އެ މަގާމު އޮޓޮމެޓިކުން ނުލިބޭނެ އެވެ.
ކޮމަންވެލްތުގެ 53 ގައުމުން ބަކިންހަމް ޕެލަސްގައި ބާއްވާ ބައްދަލުވުމުގައި އެ މައްސަލާގައި މާދަމާ ގޮތެއް ނިންމާނެ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުނެފައިވެ އެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ ސަމިޓް ހުޅުއްވައި ދެއްވަމުން ރާނީ ވިދާޅުވީ އެކަމަނާގެ އަމިއްލަ ގެކޮޅުގައި ކޮމަންވެލްތުގެ ވެރިންނަށް މަރުހަބާ ދެންނެވުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ.
"ކޮމަންވެލްތުގެ ކުރިއަށް އޮތް ޖީލުތަކަށް ވެސް މި ހަމަޖެހުމާއި ހިތްހަމަޖެހުން ގެންގޮސް ދިނުމަކީ އަޅުގަނޑުގެ އެދުމެއް. އަދި އަޅުގަނޑުގެ ބައްޕަ 1949 ވަނަ އަހަރު އުފެއްދެވި މި މުހިންމު މަސައްކަތް ކޮންމެވެސް ދުވަހަކުން ޕްރިންސް ޗާލްސް ކުރިއަށް ގެންދާ ގޮތްވުމަކީ ވެސް އަޅުގަނޑުގެ އެދުމެއް،" ރާނީ ވިދާޅުވި އެވެ.
ކޮމަންވެލްތުގެ ވެރިންގެ ދެ ދުވަހުގެ ސަމިޓުގައި މަޝްވަރާކުރާނެ ކަންތައްތަކުގެ ތެރޭގައި ކަނޑުތައް ހިމާޔަތް ކުރުމާއި ސައިބާ ސެކިއުރިޓީ އަދި ދޭދޭ ގައުމުތަކުގެ ވިޔަފާރި ހިމެނެ އެވެ.
ދުނިޔޭގެ އާބާދީގެ 2.4 ބިލިއަން މީހުން ކޮމަންވެލްތުން ހިއްސާ ކުރެ އެވެ.