އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ މިރޭ އަވަހާރަވުމުން އެކަމަނާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައި އަދި ރާއްޖޭގެ ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފި އެވެ.

އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވުމުގެ ޝަރަފް ލިބިވަޑައިގަތް ކުއީން އެލިޒަބަތު 96 އަހަރުފުޅުގައި މިރޭ އަވަހާރަވުމުން އިނގިރޭސި ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތް އެކަމަނާގެ ދަރިކަލުން ކިންގް ޗާލްސް ތިން ވަނައަށް ރައީސް ތައުޒިޔާ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާނީ އެލިޒަބަތު މީގެ 50 އަހަރު ކުރިން 1972 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން ރައީސް އާ ކުރައްވައި، އެއީ ރާއްޖެއަށް މުހިންމު ހަނދާންތަކެއް ކަން އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖްގައި ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކޮމަންވެލްތުގެ އިސްވެރިޔާގެ ހައިސިއްޔަތުން ވެސް ރާނީ އެލިޒަބަތު ކުރެއްވި މަސައްކަތްޕުޅު ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގެ ދިދަ ބައި ދަނޑިއަށް ތިރި ކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ކުއީން އެލިޒަބަތަކީ ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު ކަމުގައިވާ ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ބޭފުޅެކެވެ.

ރާނީ އެލިޒަބަތަކީ 1952 ވަނަ އަހަރުން ފެށިގެން އިނގިރޭސި ރަސްކަމުގެ ތަޚުތުގައި މިއަދާ ހަމައަށް 70 އަހަރު ފުރުއްވި ބޭފުޅެވެ. މިއީ އެންމެ ދިގު މުއްދަތަށް ރަނިކަން ކުރެއްވި ބޭފުޅާ އެވެ. އެކަމަނާއަކީ އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ވެސް ރާނީ އެވެ.