އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ފަސް ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މި މަހުގެ 8 ވަނަ ދުވަހު، އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، އެ ކަމަނާއަށް އެންމެފަހުގެ އިހުތިރާމް އަދާކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި، ރާނީ އަވަހާރަވުމުން ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވައި އެ އާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާނީ އަވަހާރަވުމުން ރާއްޖެއިން ވަނީ ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.

ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައި އޮންނާނީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 6:30 އާ ހަމައަށެވެ. އެއަށް ފަހު، އެ ދުވަހުގެ ހެނދުނު 11:00 ގައި ރާނީގެ ޖަނާޒާގެ ކަންތައް ފެށޭނެ އެވެ.

ރާނީ އެލިޒަބަތަކީ ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު ކަމުގައިވާ ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ބޭފުޅެކެވެ.