ތަން ދޭ އެންމެ ފުޅާކޮށް ނޫސްވެރިކަން ކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނަ އިރު، ރާއްޖޭގައި ވެސް ގާނޫނު ތަން ދޭ އެންމެ ފުޅާމިނެއްގައި ނޫސްވެރިކަން ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ގޮވާލައިފި އެވެ.


ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެ ކައުންސިލްގެ ރައީސް އަބްދުލްމުއީދު ހަސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީޑިއާ ކައުންސިލްގެ މި ދައުރު ފެށުނުއިރު، ވުޖޫދަށް އަލަށް އައިސްފައިވާ ގާނޫނީ ހަމަތަކުގެ މަތިން ނޫސްވެރިކަމުގެ ވެށި އަމާން ކުރުމަށްޓަކައި މީޑިއާ ކައުންސިލުން މިހާތަނަށް މުހިއްމު މަސައްކަތްތަކެއް ވެސް ކޮށްފައިވާ ކަމަށެވެ.

މުއީދު ވިދާޅުވި ގޮތުގައި، ގާނޫނަކީ ނޫސްވެރިންގެ މަސައްކަތްތަކަށް ހުރި ހުރަހެއް ކަމުގެ އިހުސާސް ފިލުވައިދީ، ގާނޫނަކީ ނޫސްވެރިންގެ މަސައްކަތްތަށް އާރާއި ބާރު ލިއްބައިދޭ ސަނަދެއް ކަމަށް ދެކިގެން މަސައްކަތް ކުރުމުގެ ރޫހު އަށަގަންނުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ މީޑިއާތަކާއި ނޫސްވެރިންގެ ސާބިތުކަމާއި އަޒުމް ނަގަހައްޓައިދޭ ބާރެއް ކަމުގައި ދެކެމު އެވެ." ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަދު ނޫސްވެރިކަމުގެ މިނިވަން ދުވަހަށް 25 އަހަރު ފުރޭ އިރު، މިއީ ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރޭ އަހަރެވެ.

"...މި މުއްދަތުގެ ތެރޭގައި ހާސިލުވި މަތިވަރުތައް، ފަސްދީ މިއަދު މި ވަނީ ކުރިމަގަށް ނަޒަރު ސީދާ ކުރަން ޖެހިފަ އެވެ. އާ އުސްމިންތަކަކަށް ދިވެހި މީޑިއާ މިސްރާބު ޖެހުމަށްޓަކަ އެވެ. މީޑިއާ އާއި ނޫސްވެރިންގެ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރަން ޖެހިފަ އެވެ." ބަޔާނުގައިވެ އެވެ.

"މި މަތިވެރި އަމާޒަށް ދިވެހި ނޫސްވެރިން ގެންދެވުމަށްޓަކައި ސަރުކާރުގެ ބައެއް މުއައްސަސާތަކުން މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވަމެވެ."