ނޫސްވެރިންގެ އެވޯޑު "ގެއްލިއްޖެ"؟

ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ތިން އަހަރުވީއިރު ބަރާބަރަށް ދެމުން އައި އެވޯޑަށް މޯލްޑިވްސް މީޑިއާ ކައުންސިލް ތައްޔާރު ނުވެ މިއަދު އެވޯޑު ދެވޭ ގޮތެއް ނުވި އެވެ.


ނޫސްވެރިންގެ އަގު ވަޒަންކޮށް ވަރަށް ކުލަގަދަ ހަފުލާއެއްގައި ދެމުން އައި އެވޯޑު މި އަހަރު ނުބޭއްވުނީ، މީޑިއާ ކައުންސިލްގެ ރައީސް އަބްދުލްމުއީދު ހަސަން ވިދާޅުވި ގޮތުގައި ގަވައިދު ގެޒެޓް ނުކުރެވިގެންނެވެ. މިއީ ނިމިގެން ދިޔަ މީޑިއާ ކައުންސިލްގެ ދެ ދައުރު ވެސް، ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހު ބަރާބަރަށް ދެމުން އައި އެވޯޑެކެވެ.

"މި ކައުންސިލްގެ މެމްބަރުންގެ ވިސްނުންފުޅު ހުރީ ގަވައިދަށް ބަދަލު ގެނެސްގެން އެވޯޑު ބާއްވަން. އެ ގަވައިދު މިހާރު ވާނީ އޭޖީގެ ލަފާފުޅަކަށް ފޮނުވާފައި. މިއަދު އެވޯޑު ބޭއްވޭ ވަރަށް އެ ގަވައިދު ގެޒެޓް ކުރެވޭ ވަރު އަޅުގަނޑުމެންނަށް ނުވީ،" ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ކޮންޓްރޯލް އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެކަމަކު އޭނާ އެހެން ވިދާޅުވި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު ވެސް، ކޮންމެ އަހަރަކު ވެސް އެވޯޑު ބާއްވާފައި ވަނީ ގަވައިދު ނުވަތަ އުސޫލު ބަދަލުކޮށް ގެޒެޓް ނުކޮށެވެ. އަނެއްކޮޅުން، މިކަހަލަ އިވެންޓްތަކުގެ އިދާރީ ގަވައިދުތަކާއި އުސޫލުތަކަކީ ގެޒެޓް ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް ވެސް ގާނޫނީ އިސް ބޭފުޅުން ވިދާޅުވެ އެވެ. މީޑިއާ ކައުންސިލުން އޭޖީ އަށް ފޮނުވާފައި އޮތީ އުސޫލެކެވެ.

"ކުރީގެ ކައުންސިލްތަކުން އެކަން ކޮށްފައި ހުރި ގޮތެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގެ. މި ކައުންސިލްގެ މެމްބަރުން ބޭނުންވީ މިފަހަރުގެ އެވޯޑަށް އިތުރު ކަންތައްތައް ހިމަނައިގެން އެ ގަވައިދު ގެޒެޓް ކޮށްގެން އެވޯޑު ބާއްވަން،" މުއީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެ ކަންކަން މިއަދަށް ނިންމާނުލެވުމަކީ އެވޯޑު މި އަހަރު ނުބޭއްވުމެއް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް އެވޯޑު ބާއްވަން."

އެކަމަކު މީޑިއާ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެވޯޑު ނުބޭއްވުނީ، އޭނާ އަށް އެނގިފައިވާ ގޮތުގައި، ގޮންޖެހުންތަކެއް ހުރެގެން ނޫން ކަމަށާއި އެކަމަކު އިހުލާސްތެރިކަން ނެތިގެން ކަމަށެވެ.

"ބައެއް މެމްބަރުން ބޭނުންވާނީ ތިކަން ވެސް ކުރަން. އެކަމަކު އެއީ މަދު މެމްބަރުންކޮޅެއް،" އޭނާ ވިދާޅުވި އެވެ.

މިއަދު ނޫސްވެރިކަމުގެ އެވޯޑް ނުދިނުމުގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާއެއް ކަހަލަ އެއްވެސް ކަމެއް ވެސް ނުބާއްވަ އެވެ.