އޭޑީކޭގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، 100 ކިލޯމީޓަރަށް ދުވުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބް، އޭޑީކޭ ސިނަޖީން މިރޭ ފަށާ މި ޕްރޮގްރާމްގައި އެ ހޮސްޕިޓަލުގެ އެކި އުމުރުގެ 50 މުވައްޒަފުން ބައިވެރިވެ އެވެ. އެ މީހުންގެ އަމާޒަކީ ރޯދަ މަސް ނިމުމުގެ ކުރިން، ދުވެގެން 100 ކިލޯމީޓަރު ހަމަކުރުމެވެ.
އެ ކްލަބްގެ ފައުންޑާ މެމްބަރު އަދި އޭޑީކޭ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެތަނުގެ މުވައްޒަފުން ދުޅަހެޔޮ ސިއްހަތަކަށް ބާރު އެޅުމުގެ ގޮތުން ފަށާ އެ ޕްރޮގްރާމްގައި ކޮންމެ ރެއަކު ވެސް މުވައްޒަފުން ވަކި ވަރަކަށް ދުވާނެ ކަމަށެވެ.
ޕްރޮގްރާމް ފެށުމުގެ ގޮތުން، އެކަމުގައި ބައިވެރިވާ ހުރިހާ އެންމެން ވެސް މިރޭ ދުވާނެ އެވެ. އެކަމަކު، އެހެން ރޭ ތަކުގައި ދުވާނީ، ކަނޑައަޅާފައިވާ ޝެޑިއުލެއްގެ ދަށުންނެވެ.
"ހަފުތާގެ ދުވަސްތަކުގައި ދުވާނެ ގޮތުގެ ޝެޑިއުލެއް އޮންނާނެ. އެއާ އެއްގޮތަށް، އެ މީހަކަށް ފަސޭހަ އިރަކު ދުވެގެން ކޮންމެ މީހަކު ވެސް 100 ކިލޯމީޓަރު ހަމަކުރާނީ. އެކަމަކު ހަފުތާއަކު އެއްރޭ، އެ ހުރިހާ މުވައްޒަފުން އެކުގައި ދުވާނެ،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޯދަ މަހު މި ފަދަ ޕްރޮގްރާމެއް ފަށަނީ މި މަހު ގިނަ ދިވެހިންނަށް ކަސްރަތު ކުރަން އުނދަގޫވެ، ކާ މިންވަރު އިތުރުވާތީ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ދާއިމީ ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ވިސްނާފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރާ މުވައްޒަފުންނަށް ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.