ޑރ. މަޖީދުގެ ވަކިވުުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް: އަދާލަތު

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވުމަކީ، އިސްލާމީ އިލްމު ފަތުރައި އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމުގައި ދިވެހި ގައުމަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.


ބައްދަލުވުމަކަށް ސްރީ ލަންކާގައި ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނިކޮށް މަޖީދު އަވަހާރަވީ އިއްޔެ މެންދުރު ލަންކާ ހޮސްޕިޓަލްގަ އެވެ. ޑރ. މަޖީދުގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު ލަންކާގަ އެވެ.

އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ، އަދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކޮށް، ނެރުނު ބަޔާނުގައި އަދާލަތުން ބުނި ގޮތުގައި މަޖީދަކީ އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ގައުމަށް ކޮށްދެއްވި ބޭފުޅެކެވެ. އިސްލާމް ދީން ކުރިއެރުވުމާއި ސިޔާސީ ގޮތުން ވެސް ގައުމަށް ބޭނުންތެރި މަސައްކަތްތަކެއް މަޖީދު ކުރެއްވި ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޑރ. މަޖީދު އަވަހާރަވުމަކީ ގައުމަށް ކުރިމަތިވި ނުހަނު ބޮޑު ހިތާމައެއް ކަން ފާހަގަކޮށް، ބަޔާނުގައި މަޖީދުގެ އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ.

އަދާލަތުން ބުނީ އިސްލާމީ އިލްމުގެ ދާއިރާ އިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މިންވަރަށް ތައުލީމް ހާސިލް ކުރެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެން ވޭތުވެދިޔަ ވިއްސަކަށް އަހަރު ޑރ. މަޖީދު، ދީނީ ރޮނގުންނާއި އިޖުތިމާއީ އަދި ސިޔާސީ އެކިއެކި ދާއިރާތަކުން ގައުމަށް ކޮށްދެއްވި ޚިދުމަތްތައް ދިވެހި ތާރީޚުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ކަމަށެވެ.

"އެ މަނިކުފާނުގެ ނަންފުޅާ ގުޅިގެން އިސްލާމީ ޝަހުސިއްޔަތާ ގުޅުން ހުރި އެތައް ކަމެއް ތަރައްގީވެގެން ގޮސްފައިވާއިރު އެ ޚިދުމަތްތަކުގެ ފުރިހަމަ އަޖްރު މާތްﷲގެ ހަޒުރަތުން މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނި ގޮތުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްގެ މަގާމާއި ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓަރުގެ މަގާމާއި ރާއްޖޭގެ ފިގްހު އެކަޑަމީގެ ފުރަތަމަ ރައީސްގެ މަގާމު ފުރުއްވުމުގެ އިތުރުން، އިސްލާމިކް ބޭންކިން ދިވެހިރާއްޖެ އަށް ތައާރަފްކުރެއްވުން ފަދަ އެތައް މަސައްކަތްތަކެއް ވަނީ ކުރައްވައިފަ އެވެ. އެފަދަ އެތައް ޚިދުމަތެއްގެ ސަބަބުން ގައުމަށް އަގު ނުކުރެވޭ ވަރުގެ މަންފާތަކެއް ކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"ކޮންމެ ހާލަތެއްގައި ވެސް ހައްގުބަސްފުޅު ވިދާޅުވުމާއި މަޑުމައިތިރިކަމާއި މިޒާޖުގެ ސާދާކަމަކީ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަޔާތްޕުޅުން ދެއްކެވި މަތިވެރި ނަމޫނާތަކެވެ. އަދި މި މަތިވެެރި ނަމޫނާތަކަކީ އިސްލާމީ ދައުވަތު ފެތުރުމުގައި ދީނީ އިލްމުވެރިންނާއި ހަމަ އެހެންމެ އާއްމު ރައްޔިތުން ވެސް އިރުޝާދު ލިބިގަންނަންވީ ކަންކަމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

މަދީނާގެ އިސްލާމީ ޔުނިވާސިޓީން ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މަޖީދު، އަވަހާރަވިއިރު، އޭނާ ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އޭނާ އެ ޔުނިވާސިޓީގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެ ފެކަލްޓީން ހިންގާ ޑިގްރީ ކޯސްތަކާއި މާސްޓާސް ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން ތީސީސްތައް ސުޕަވައިޒް ކުރެއްވުން ހިމެނެ އެވެ.