ޑރ. މަޖީދުގެ ޖަނާޒާ ލަންކާގައި ބާއްވައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ޖަނާޒާ ސްރީ ލަންކާގައި މިއަދު ބާއްވައިފި އެވެ.


މިއަދު މެންދުރު ނަމާދަށް ފަހު އޭނާގެ ޖަނާޒާ އޮތީ ލަންކާގެ ޖާވައްތަ ޖުމްއާ މިސްކިތުގެ ގަބުރުސްތާނުގަ އެވެ. މަޖީދުގެ ބައްޕާފުޅު ވެސް ފަސްދާނުލާފައި ވަނީ އެ ސަހަރާގަ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މަޖީދުގެ ޖަނާޒާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޑރ. މަޖީދުގެ އާއިލާގެ މެމްބަރުންނާއި ގިނަ އަދަދެއްގެ ދިވެހިން ވެސް ޖަނާޒާއަށް ދިޔަ އެވެ.

ޑރ. މަޖީދުގެ ޖަނާޒާގައި ބައިވެރިވި ބައެއް މީހުން.

އުމުރުފުޅުން 55 އަހަރުގައި ޑރ. މަޖީދު އަވަހާރަވީ ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް، މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް، އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

ޑރ. މަޖީދުގެ ހާލު ސީރިއަސްވުމުން ތިން އޮޕަރޭޝަނެއް ވެސް ކުރި އެވެ.

ޑރ. މަޖީދު އަވަހާރަވިއިރު، އޭނާގެ އަނބިކަނބަލަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު (ކ) ކުނޫޒުގައި އޮތް ޖަލްސާއަކަށް ފަހު މީހަކާ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު

ގުރުއާންގެ ތަފްސީރުގެ ދާއިރާ އިން 1999 ގައި ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އޭނާ އިސްލާމިކް މިނިސްޓަރު ކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި 2008 އިން 2011 އަށެވެ.

މީގެ އިތުރުން ޑރ. މަޖީދު ވަނީ 2000 އިން 2006 ގެ ނިޔަލަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ޑރ. މަޖީދަކީ އަދާލަތު ޕާޓީގެ ފައުންޑަ މެމްބަރެއްގެ އިތުރުން އެ ޕާޓީގެ ފުރަތަމަ ވަގުތީ ރައީސް ވެސް މެ އެވެ.

ޑރ. މަޖީދު އަވަހަރާވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ސިޔާސީ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން އިއްޔެ ފޭސްބުކާއި ޓްވިޓާގައި ގިނަ ދިވެހިން ވަނީ މަޖީދުގެ ވަކިވެވަޑައިގަތުމުގެ ހިތާމާގައި ބައިވެރިވެ، ޝުއޫރު ފާޅުކޮށްފަ އެވެ.

ޑރ. މަޖީދުގެ މައްޗަށް ޣައިބުގައި ކުރާ ކަށުނަމާދު ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި މިރޭގެ އިޝާ ނަމާދަށް ފަހު އޮންނާނެ އެވެ.

އޭގެ އިތުރުން މިއަދުގެ މަޣްރިބް ނަމާދަށް ފަހު، މައްކާގެ މަސްޖިދުލް ހަރާމްގަ އާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިތުރުން ތާއިފްގެ މިސްކިތުގައި ވެސް މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނެ އެވެ. އަދި އިނގިރޭސި ވިލާތުގައި ހުންނަ ކެންޓަބަރީ މިސްކިތުގައި ވެސް މިރޭގެ އިޝާ ނަމާދަށް ފަހު މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނެ އެވެ.